ކުޅިވަރު

އަހަރެން ބޭނުންވަނީ ޗެލްސީ ބަލިކުރަން: މޮރީނިއޯ


އޭނާ މިހާރު ބޭނުންވަނީ ޗެލްސީ ބަލި ކުރަން ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި މިރޭ ޕޯޗުގަލްގެ ބެންފީކާގެ ކޯޗުގެ ގޮތުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

މޮރީނިއޯ އެތައް ދުވަހަކަށް ފަހު ޗެލްސީގެ ދަނޑަށް އާދެވުމުން ކުރެވެނީ އަމިއްލަ ގެ އަށް އާދެވުމުގެ އިހުސާސް ކަމަށެވެ.

"މިތަނުގައި އަހަރެންނަށް ހީވަނީ މިއީ އަމިއްލަ ގެ ހެން. އެކަމަކު މިހާރު އަހަރެންނަކީ ޗެލްސީގެ މީހެއް ނޫން. އަހަރެންނަކީ ރަތް ކުލައިގެ މީހެއް. އަހަރެން ބޭނުންވަނީ މޮޅުވާން. އެއީ ކުރެވިދާނެ ކަމެއް،" މޮރީނިއޯ ބުންޏެވެ.

ދެ ފަހަރެއްގެ މަތީން ޗެލްސީ އަށް ކޯޗުކޮށްދީ އެ ކުލަބަށް ތިން ފަހަރެއްގެ މަތީން އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން މޮރީނިއޯ ކުލަބުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗެވެ. އޭނާ އަށް އެ ކުލަބުގެ ސަޕޯޓަރުންގެ ހިތުގައި އޮތީ ވެސް ގަދަރާއި ލޯތްބެވެ.

ޗެލްސީގެ ކޯޗު އެންޒޭ މަރެސްކާ މިކަމާ ބެހޭ ގޮތުން ބުނީ މޮރީނިއޯ އަށް ޗެލްސީގެ ދަނޑުން މަރުހަބާ ކިއުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އަހަރެންނަށް އޭނާ އަކީ މި ކުލަބުގެ ލެޖެންޑެއް. އަދި އޭނާ އަކީ އިޓަލީގައި ވެސް އިންޓަމިލާނުގެ ލެޖެންޑެއް. އޭނާ އަކީ ތަފާތު ކުލަބުތަކުގެ ލެޖެންޑެއް. މީގެ މާނަ އަކީ އޭނާގެ މޮޅުކަން،" މަރެސްކާ ބުންޏެވެ.

މިއީ ފަސް އަހަރު ތެރޭގައި މޮރީނިއޯ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އޭނާ އަކީ އިޓަލީގެ އިންޓަމިލާނާއި ޕޯޗުގަލްގެ ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފައިވާ ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ.