ޚާއްޞަ އޮޕަރޭޝަންތަކަށް ބޭނުންވާ ސީޓީ އިކުއިޕްމަންޓް އެމެރިކާ ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފަށް، ހަދިޔާކުރައްވައިފިއެވެ.
ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމެރިކާގެ ފަރާތުން އެމްއެންޑީއެފާ މި އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮންއެވެ. އެމްއެންޑީއެފްގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެވަޑައިގަތީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަށާއި އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ބޭނުންވާ ކޮމްބެޓް ޑައިވިންގ އިކުއިޕްމަންޓާއި، ޕަރސަނަލް ގިޔަރގެ އިތުރުން، އޮޕަރޭޝަނަލް އިކުއިޕްމަންޓް ހިމެނެއެވެ. މިއިކުއިޕްމަންޓާއެކު އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮން ވަނީ، ދެ ޤައުމުގެ ދިފާޢީ ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތީ ކަންކަމަށް އެމެރިކާއިން ވެދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ދެމިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީވަނީ އެމެރިކާއިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ އިކުއިޕްމަންޓުގެ ސަބަބުން އެމްއެންޑީއެފްގެ ހަރަކާތްތެރިކަމާއި ޤާބިލުކަން އިތުރުވެގެންދާނެކަން ހިލްމީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި، މިފަދަ އެހީތެރިކަމަކީ ދިވެހިރާއްޖޭގެ ދިފާޢީ ގާބިލުކަން އިތުރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައިވެސް ވިދާޅުވިއެވެ.
މިއީ ދިިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ދިފާޢީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ސަރަހައްދީ ސަލާމަތަށް ދެ ޤައުމުން ދެމުންދާ އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ލިބިގެންދިޔަ މުހިންމު އެހީއެކެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެމެރިކާގެ، އޭޝިއާ ޕެސިފިކް ސެންޓަރ ފޮރ ސެކިޔުރިޓީ ސްޓަޑީޒް (އޭޕީސީއެސްއެސް) ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.