ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲއަށް، ލުބްނާނުގެ ސިޔާސީ މައިދާނުގައި މުހިންމު ދައުރެއް އަދާކުރެވޭނެ މުހިންމު ބައިވެރިއެއްކަމަށް ޤަބޫލުކުރައްވާކަމަށް، އެމެރިކާގެ ޚާއްޞަ މަންދޫބު، ޓޮމް ބަރަކް ވިދާޅުވެއްޖެއެވެ.
ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއާއި ޔަހޫދީންނާއި ލުބުނާނުގެ ރަސްމީ އިދާރާތަކުން ކުރާ މަސައްކަތްތައް ވަނީ ވަރުގަދަކޮށްފައެވެ.
ބަރަކް ވިދާޅުވި ގޮތުގައި، ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއިން ބާރުނާޅާނެ ކަމަށާއި، އެކަން ކާމިޔާބުކުރުމަކީ ލުބުނާނުގެ ސަރުކާރުގެ ޒިންމާއެކެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ، ހަތިޔާރު ބެހެއްޓުމަށް ލުބުނާނުގެ ސަރުކާރުން އެދުނު އެދުމަށް، ޙިޒްބުﷲގެ އިސްވެރިޔާ، ނަޢީމް ޤާސިމް އަނެއްކާވެސް އިންކާރުކުރައްވާފައިވަނިކޮށެވެ.
ޙިޒްބުﷲން ހަތިޔާރު ބަހައްޓައިފިނަމަ، އޭގެ ހުރިހާ ފައިދާއެއް ލިބޭނީ ޔަހޫދީންނަށް ކަމަށް، ޤާސިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ހުސްވި އަހަރުގެ ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވީ ނަމަވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އަދި، ދޭތެރެދޭތެރެއިން ލުބްނާންގެ ރަށްތަކާއި ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ.
އަލްޖަޒީރާ ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، ބަރަކް ވަނީ، ޙިޒްބުﷲއަކީ ސައްޙަ ސިޔާސީ ޕާޓީއެއް ކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ލުބުނާނުގެ ސިޔާސީ މުސްތަޤުބަލުގައި، ޙިޒްބުﷲއަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔަހޫދީން ޙިޒްބުاللهއަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި އެ ޖަމާޢަތުގެ ގިނަ ޢަދަދެއްގެ އިސްވެރިން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި އެ ޖަމާޢަތުގެ ކުރީގެ އިސްވެރިޔާ ޙަސަން ނަސްރުاللهއާއި ޙިޒްބުاللهއަށް ނިޞްބަތްވާ އެތައް ހާސް މުޖާހިދުން ހިމެނެއެވެ.