އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުން ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މިހާރުކުރެވޭ މަސައްކަތުގެ ތެރެއިން، އަންނަ އަަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑުކުރެވޭނެކަމަށެވެ. އަދި ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް ބޮޑުކުރާއިރު، ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި…
— Dr Mohamed Muizzu (@MMuizzu) September 29, 2025
ޑޮލަރުގެ ކަޅު ބާޒާރުގެ އަޅުވެތިކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ނޮވެމްބަރ 11އިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެންނަވަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ބޭރުގައި މުއާމަލާތް ކުރެވޭ ޑޮލަރުގެ އަދަދަށްވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެގޮތުން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުވެގެންދާނެކަމަށާއި، ހަމަ އެ ތާރީޚުން ފެށިގެން އެއަރލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުވެގެންދާނެކަމަށެވެ. އަދި ހަމަ އެތާރީޚުން ފެށިގެން ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.