ޚަބަރު

ކޮންޓެންޓް އުފައްދާ މީހުންނަށް ޚާއްސަ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ރާއްޖޭގެ ކޮންޓެންޓް އުފައްދާ މީހުންނަށް ޚާއްސަކޮށްގެން ތަޢާރަފުކުރާ ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާއެއްގޮތަށް ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުޞަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ދޫކުރާ ލޯން ސްކީމެކެވެ.

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް މިހާރު ނިމުމަކާއި ހަމައަށް ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ މީގެ 2 ހަފްތާ ކުރިން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ.

މި ސްކީމު ފަރުމާކޮށްފައިވަނީ، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުޞަތު ލިބޭގޮތަށެވެ.

މި ސްކީމްގެ ދަށުން ރަހުނަކާއެކު 500،000(ފައްސަތޭކަ ހާސް) ރުފިޔާ އަދި ރަހުނަކާއި ނުލައި 150،000 (ސަތޭކަ ފަންސާސް ހާސް) ރުފިޔާގެ ލޯނު ދޫކުރާއިރު، މިއީ %9.5ގެ ޕްރޮފިޓް ރޭޓެއްގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއެޑަކާއެކު ދޫކުރާ ލޯނެކެވެ. އަދި ލޯނު ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބެއެވެ.

އެސްޑީއެފްސީން ވިދާޅުވީ މިލޯނުން ކޮންޓެންޓު އުފައްދާ މީހުންނަށް އެމީހުން ބޭނުންވާ ސާމާނު ގަތުމާއި އުފެއްދުމަށް ބޭނުންވާ އެކި ޚާރަދުތައް ހަމަޖެއްސޭނެކަމަށެވެ.

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ސިނާއަތްތައް އިތުރަށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވުރެކެވެ.

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމަކީ މެނިފެސްޓޯގެ މުހިންމު ވައުދުފުޅަކަށްވާއިރު، 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެދުމަކީ ސަރުކާރުގެ އަމާޒަކެވެ. ރައީސުލުމްހޫރިއްޔާ ވަނީ މި އަމާޒު ހާސިލްވާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.