ޚަބަރު

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ދާއިރާއެއްގެ މުސާރަ ބޮޑުކުރުމަށް ރައީސް ނިންމަވައިފި


  • މުސާރަ ބޮޑުކުރައްވަނީ ޖުޑިޝަރީއާއި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ކައުންސިލްގެ މުވައްޒަފުންގެ

  • މިއަހަރު މުސާރަ ބޮޑުނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެ

އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ދާއިރާއެއްގެ މުސާރަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުސާރަ ބޮޑުކުރެއްވުމަށް ނިންމެވި 3 ދާއިރާއަކީ މިހާތަނަށް މުސާރަ ބޮޑު ނުވާ ސިވިލް ސަރވިސް، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައެވެ.

ދައުލަތުގެ މުސާރަ އެއްހަމަ ކުރުމުގެ އުސޫލުގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސަރވިސް މުވައްޒަފުންނާއި، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިގޮތުން އަންނަ ނޮވެމްބަރު މަހުގެ 1 އިން ފެށިގެން މިބަދަލު ގެންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ކުރައްވަން ނިންމަވާ ޢިއުލާނުކުރައްވާފައިވާކަމެއްކަމަށެވެ. އަދި ކުރިންވެސް ފާހަގަކުރައްވާފައިވާ ފަދައިން މިއަހަރު ތެރޭގައި މުސާރަ ބޮޑުނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިދައުރުގެ ތެރޭގައި ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. މިގޮތުން ސިފައިންނާ ފުލުހުންގެ މުސާރަ މިހާރުވަނީ ބޮޑުކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ކުރިން ދެމުންދިޔަ އެލަވަންސަކީ ރަސްމީ މުސާރާއިގެ ގޮތުގައިވަނީ ހަމަޖައްސަވާފައެވެ.

ސިވިލް ސަރވިސް މުވައްޒަފުންނާއި އެނޫން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ޝަކުވާއަކީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް ފުރަތަމަ ފަހަރަށް ބަދަލެއް ގެނެސްފައިވަނީ 2009 ވަނަ އަހަރުގައެވެ. އޭގެފަހުން އެކި ނަންނަމުގައި އެލަވަންސްތައް ދިންނަމަވެސް އެކަށީގެންވާގޮތުގައި މުސާރައަށް ބަދަލެއް ނާދެއެވެ.

ޕޭ ކޮމިޝަނުން މުސާރަ އެއްހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 2022 ވަނަ އަހަރުވަނީ ނަރުހުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައެވެ. އެނޫން ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނެވިފައި ނުވާއިރު، އެކަން ބަދަލުކޮށް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައެވެ.