މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް 2025 ގެ ކްލެސިކް މުބާރާތުގެ ސެމީ ފައިނަލަށް ޓީމު އެޗްޕީއެސްއެން، މާލެ ސިޓީ ކައުންސިލް، ކުލަބު ބިނާރާ އަދި ކްރިމިނަލް ކޯޓު ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެފައިވަނީ ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ސެމީގެ ޖާގައެއް ޓީމު އެޗްޕީއެސްއެންއިން ހޯދީ ރޭ ކުޅުނު މެޗުގައި 4-2 ގެ ނަތީޖާއަކުން ކުލަބު ޑީޖޭއޭ ބަލިކުރުމަށްފަހުއެވެ. އަދި މާލެ ސިޓީ ކައުންސިލުން ވަނީ ފޯރިގަދަ މެޗަކަށްފަހު 2-0 ގެ ނަތީޖާއަކުން ޓީމު ބަދަހި ބަލިކޮށްފައެވެ.
މި މުބާރާތުގެ ސެމީގެ ޖާގައެއް ކުލަބު ބިނާރާއިން ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ފިޝަރީޒް ރެކްރިއޭޝަން ކުލަބު އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ރޭ ކުޅުނު މެޗުގައި ޓީމު ބީސީސީ އަތުން ފަސޭހަކަމާއެކު 7-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މިއާއެކު މި މުބާރާތުގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކުރިއިރު، ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ.