ތަޢުލީމު

"އަބުރަށް އަރައިނުގަތުމުގެ ހުނަރު ހުރިހާ ސްކޫލެއްގައި ދަސްކޮށްދޭ"


ސްކޫލް މާޙައުލުގައި ހިތްހަމަނުޖެހޭ ޙާލަތްތަކުގައި އެހެން މީހުންގެ އަބުރަށް އަރައިނުގަތުމުގެ ހުނަރު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ދަސްކޮށްދެއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިހެން ވިދާޅުވީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމުންނެވެ. މިނިސްޓަރ އާއިޝަތު ޝިހާމު ވިދާޅުވީ، މިކަންކަން ދަސްކޮށްދެއްވަނީ ދިރިއުޅުމުގެ ހުނަރުތަކުގެ ނަމުގައި ސްކޫލްތަކުގައި ކުދިން ތަރުބިއްޔަތު ކުރެއްވުމަށް ހިންގަވާ ޕްރޮގްރާމުގެ ތެރެއިން ކަމުގައެވެ.

ދެމީހެއްގެ ދެމެދު ޚިޔާލުތަފާތުވާ ޙާލަތްތަކުގައި އަނެކާގެ އަބުރަށް އަރައިގަތުމުގެ ބަދަލުގައި އަދަބު އިޙްތިރާމާއި އަބުރުވެރިކަމާއެކު މުޢާމަލާތުކުރުމަށް ސްކޫލްތަކުގައި ދަސްކޮށްދެއްވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. މުޅި ތަޢުލީމީ ނިޒާމު ބައްޓަން ކުރެވިފައިވަނީ، ތަޢުލީމީ ނިޒާމުން ނިކުންނަ ހުރިހާ ކުދިންގެ ކިބައިގައި މިފަދަ ސިފަތައް ހުންނަ ގޮތަކަށް ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

"ވީމާ އަޅުގަނޑު ދަންނަވާލާނީ މުޅި ތަޢުލީމީ ނިޒާމު ރާއްޖޭގައި ބައްޓަންވެފައި މިއޮތީ އަޅުގަނޑުމެންގެ ސްކޫލްތަކުންނާއި ތަޢުލީމީ އިންސްޓިޓިއުޝަންސްތަކުން ނުކުންނަ ކޮންމެ ކުއްޖަކީވެސް މި ހުނަރާއި އެއްކޮށް ނުކުމެ، މުޖްތަމަޢުގައި މި ސިފަތައް ގެންގުޅޭނެ ކުދިން ކަމަށް. މި ސިފަތައް ޤާއިމްކުރަން މަސައްކަތް ކުރަމުން މިދަނީ މިހާރުވެސް ސްކޫތަކުގައި ކުރެވޭ ކަމެއްމީ. އަދި މިގޮތަށް މަސައްކަތްކުރާތި މީގެ ނަތީޖާވެސް ފެންނަމުންދޭ" މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

އަބުރު ރައްކާތެރި ކޮށްދިނުމަކީ ނަފްސާނި ދުޅަހެޔޮކަން ލިބި، ރަނގަޅު މުޖްތަމަޢެއް ބިނާކުރުމަށް ހިތްވަރު ލިބޭ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ޢާއިޝަތު ޝިހާމު ވިދާޅުވީ އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ސަބަބުން މިފަދަ މުޖްތަމަޢެއް ބިނާކުރެވިދާނެ ކަމާއިމެދު ޝައްކެއް ނުކުރައްވާ ކަމަށެވެ. އަދި މިޤާނޫނާއި ގުޅިގެން ކޮންމެ ފަރުދަކު ޒިންމާދާރު ކުރުވުމުގެ ފަރުޞަތު ލިބެގެން ދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވީ، މީހުންގެ އުނދަގުލާއި ފުރައްސާރަ މީހަކަށް ތަކުރާރުކޮށް އަމާޒުވަމުން ދިޔުމަކީ ނަފްސާނީ ބަލިމަޑުކަމުގެ ތެރެއަށް ހުށަހެޅި ޞިއްޙީ ގެއްލުންތަކެއް ލިބިގެންދާ ކަމެއް ކަމުގައެވެ.

"އަޅުގަނޑުމެންނަށް ނަފްސާނީ ޢިލްމުގެ ތެރެއަށް އެބަ އެނގޭ ވަކިވަރަކަށް އެހެން މީހުންގެ އުނދަގޫތައް ލިބޭކަމަށްވަންޏާ ފުރައްސާރަކުރުމާ، އަޑަގަދަކުރުމާ، ކުރާ ކޮންމެ ކަމަކަށް އުނދަގޫ ކުރުމާ. އެހެންކަމަށް ވާނަމަ އެމީހެއްގެ ނަފްސާނި ޞިއްޙަތު، ދިރިއުޅުމަށް ދަތިތައް ވެގެންދާކަން" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ 2 އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގެ ސްކޫލްތަކުގައި ކަންތައްތައް ހިނގާފައިވަނީ ތަފާތު ގޮތަކަށް ކަމަށް ވިދާޅުވެ، މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ފެނިގެން ނުވާނެ ވިޔާނުދާ ކިތަންމެ ކަމެއް މަގުތަކާއި މީޑިއާތަކުން ކުދިންނަށް ފެނި، އޭގެ ނުރަގަޅު އަސަރު ކުރަމުން އަންނަ ކަމުގައެވެ. އަދި އެކަމުން ކުދިންގެ ކިޔެވުމަށް ނުރަނގަޅު އަސަރު ކުރިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެ މީހަކަށް ލިބެންވާ އަބުރު ޙިމާޔަތްކޮށް ރައްކާތެރިކަން ލިބިދިނުމުގައި ރައްޖެއަކީ ބޭރު ޤައުމުތަކުގެ ކުރިމަތީގައި މީގެ ކުރިން މިސާލެއް ނެތްފަދަ ޤައުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.