ޚަބަރު

އަބުރުގެ ޤާނޫނާއި ގުޅިގެން ބޭރުގެ ފިއްތުންތަކާ ކުރިމަތިލާންޖެހޭ


އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ގުޅިގެން ބޭރުގެ ފިއްތުންތައް ކުރިމަތިލާންޖެހޭ މައިގަނޑު ޙަޤީޤީ ސަބަބު ފޮރުވިފައިވާ ކަމަށާއި، އެކަން ތިލަކުރަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ނިވާފަތްގަނޑެއްގެ ތެރެއިން އަބުރުގެ ނަމުގައި މަރުގެ ޙުކުމާއި އެއްޖިންސުން ކައިވެނިކުރުން ފަދަ އިސްލާމްދިނާއި ފުށައަރާ ކަންތައް ރާއްޖެއަށް އަންނަކަމުގައެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ގުޅިގެން ދުނިޔޭގެ ބައެއް ޤައުމުތަކުންނާއި، ބޭރު ޤައުމުތަކުން ޙިމާޔަތް ހޯދައިގެން ތިބޭ ދިވެހިންވެސް، ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރަން މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ޝައިނީ ފާހަގަކުރެއްވިއެވެ. މިގޮތަށް މަސައްކަތް ކުރަމުން ދަނީ މީހުންގެ އަބުރު ނަގާލަން ދައްކާވާހަކަ ވަކި ވަރަކަށް ޢާންމުވަމުން، މުޖްތަމަޢުގައި އެކަމެއް ބަލައިގަނެ، މާބޮޑު މައްސަލައަކަށް ނުވާނެކަމަށް ދެކިގެންކަން އެމަނިފާނު ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ސިޔާސީ ފާރާތްތަކަށް ނިސްބަތްކޮށް އެކި ބާވަތްބާވަތުގެ ނަންނަމުން ގޮވަމުން ސިފަކުރަމުން ގެންދިއުންފަދަ ކަންތައް މައްސަލައަކަށް ނުވެ މުޖުތަމަޢުގައި ޢާއްމުވެގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއްޖިންސުން ކައިވެނިކުރުމާއި، މަރުގެ އަދަބު ތަންފީޒު ނުކުރުމަށް ބާރުއަޅައި ބޭރުގެ ބައެއް ޤައުމުތަކުން ފިއްތުންތައް ސިލްސިލާއެއްގެ ގޮތަށް އަންނަ ކަމަށް މިނިސްޓަރ މުޙައްމަދު ޝައިނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާތަނަށް މިއައި ހުރިހާ ކަމެއްގެ ތެރޭގައިވެސް ސީރީޒެއް ގޮތަށް މިއަންނަނީ އަޅުގަނޑުމެންގެ ތެރޭގައި ބަޔަކު ގަސްތުގައި ރާވައިގެން ކުރާ މަސައްކަތެއް. އެއްފަހަރު ކޮންމެވެސް ނަމެއްގައި ރާއްޖެއައިސް އެއްޖިންސުން މީހުންނާއި އިނުމުގެ މިނިވަންކަން އޮންނަންޖެހޭނޭ ކިޔައިގެން ވާހަކަ ދެއްކި. އެ ދޫކޮށްލާފަ އަނެއްފަހަރެއްގައި ރައްޖާގައި މަރުގެ އަދަބު ދޭން ކެބިނެޓުން މަސައްކަތް ކުރުމަށް ވާހަކަދައްކާފައިވާތީ، މީގެ ކޮންމެ ކަމަކީ އިސްލަމްދީނުގައި އަލުގަނޑުމެންނަށް ކަނޑައެޅިގެން ވަކިގޮތަށް ބަޔާންވެފައިވާ ކަންތައްތަކާއި އިދިކޮޅަށް ބަޔަކު ކުރާ މަސައްކަތެއް" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނަށް މިފަދަ މުޢާމަލާތްތަކުގެ ތެރެއިން ކުރިމަތިކޮށްފައިވާ ބައެއް ކަންތައްތަކުން އެފަރާތްތަކުގެ އަބުރު ގެއްލިގެން ދިޔުމުގެ އިތުރަށް، މިލިޔަނުން ގުނާލެވޭ މިންވަރަށް، އިޤްތިޞާދީ ގެއްލުންތަކެއް ވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެތެރޭގައި ބައެއް ވިޔަފާރިވެރިން ހިންގާ ރިސޯޓުތަކަށް ޓޫރިސްޓުން ނުގެނައުމަށް، އިދިކޮޅު ކެމްޕެއިން ކުރުންފަދަ ކަންކަން މިނިސްޓަރ ޝައިނީ ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ.

މީހުންނަށް ދަށުދަރަޖައިގެ ނަމުން އަދި އެކި އެއްޗިއްސާއި އެއްގޮތަށް ސިފަކޮށް ނުވަތަ މުޖުރިމުންގެ ގޮތުގައި ސިފަކޮށް އެކި ނަންނަމުން ގޮވަމުންދިޔަ ޙަރަކާތްތަކުގެ ޙަޤީޤަތަކީ މުޖަތަމަޢުގެ ފޭރާން ދަށްކޮށްލައި ސިޔާސީ މަންފާ ޙާޞިލްކުރަން ކޮށްފައިވާ މަސައްކަތްތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރަނީ ސިޔާސީ މައިދާނަށް މީހުން ނުކުތުމުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ފާހާގަކުރެވި ގޮތުގައި އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށްވެސް ރައްކާތެރިކަން ލިބިގެންދާނެއެވެ.