ހުސްވި ސީޒަނުގައި ދެއްކި ކުޅުމަށް ބަލާފައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޮވައި، ބަލޮންޑޯ އެވޯޑް ދިނުމަށް ކުޅުންތެރިންނަށް މާކްސް ލިބުނު ގޮތް ފްރާންސް ފުޓްބޯލް މަޖައްލާއިން އާންމުކޮށްފިއެވެ.
މި ގޮތުން ބަލޮންޑޯ އެވޯޑް ހޯދި ފްރާންސާއި ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭއަށް ލިބުނީ 1380 ޕޮއިންޓެވެ. ދެވަނައަށް ދިޔަ ބާސެލޯނާ އާއި ސްޕެއިނުގެ ފޯވާޑް އުމުރުން 18 އަހަރުގެ ލަމީން ޔަމާލަށް ލިބުނީ 1059 ޕޮއިންޓެވެ.
ތިން ވަނަ އަށް ދިޔައީ ޕީއެސްޖީގެ ވިޓީނިއާ އެވެ. އޭނާ އަށް ލިބުނީ 703 ޕޮއިންޓެވެ. ހަތަރު ވަނަ ހޯދި ލިވަޕޫލާއި މިސުރުގެ ފޯވަޑް މުހައްމަދު ސަލާހަށް ލިބުނީ 657 ޕޮއިންޓެވެ. ފަސް ވަނަ އަށް ދިޔައީ ބްރެޒިލާއި ބާސެލޯނާގެ ރަފީނިއާ އެވެ. އޭނާ އަށް 620 ޕޮއިންޓް ލިބުނެވެ.
އޭގެ ފަހަތުން އައި ކުޅުންތެރިންގެ ތެރެއިން ގަދަ 10 ގައި ހިމެނުނު ކުޅުންތެރިންނަށް ޕޮއިންޓް ލިބުނު ގޮތް ތިރީގައި މިވަނީއެވެ.
6. ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީ: 484 ޕޮއިންޓް
7. ރެއާލް މެޑްރިޑުގެ ފޯވާޑް ކީލިއަން އެމްބާޕޭ: 378 ޕޮއިންޓް
8. ޗެލްސީގެ ފޯވާޑް ކޯލް ޕާމާ: 211 ޕޮއިންޓް
9. ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ: 172 ޕޮއިންޓް
10 ޕީއެސްޖީގެ ޑިފެންޑަރު ނޫނޯ މެންޑޭޒް: 171 ޕޮއިންޓް
އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ހޮވުނީ ބާސެލޯނާ އާއި ސްޕޭނުގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީ އެވެ. އޭނާ އަށް 506 ޕޮއިންޓް ލިބުނެވެ. ދެ ވަނަ އަށް ދިޔައީ އާސެނަލްގެ ސްޕޭން މިޑްފީލްޑަރު މަރިއޯނާ ކަލްޑޮންޓޭ އެވެ. އޭނާ އަށް ލިބުނީ 478 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔައީ އާސެނަލްގެ އިނގިރޭސި ފޯވަޑް އަލެސިއާ ރުސޯ އެވެ. އޭނާ އަށް ލިބުނީ 420 ޕޮއިންޓެވެ. ހަތަރު ވަނަ ހޯދީ ބާސެލޯނާގެ ކެޕްޓަން އަދި ސްޕޭނުގެ ވައިސް ކެޕްޓަން އެލެކްޒިއާ ޕުޓެޔާސް އެވެ.
މިހާތަނަށް ދެ ފަހަރު ބަލޮންޑޯ ހޯދާފައިވާ ކުޅުންތެރިޔާ އަށް މި ފަހަރު ލިސްޓުގެ ހަތަރު ވަނަ ލިބުނީ 388 ޕޮއިންޓާއެކުގަ އެވެ. ފަސް ވަނަ އަށް ދިޔައީ މެންޗެސްޓާ ސިޓީގެ ކޭލީ ކޯލް އެވެ. އޭނާ އަށް ލިބުނީ 233 ޕޮއިންޓެވެ.