ސިޔާސީ

އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ވަކިކުރަން ފާސްކޮށްފި


ސިޔާސީ ޕާޓީތަކުގެ ޤާނޫނު ތަންފީޒުކުރަން ފެށުމުގެ ކުރިން އިނގިލީގެ ނިޝާން ހުށައަޅާފައިނުވާ މެމްބަރުން އެޕާޓީތަކުން ވަކިކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. ސަރުކާރުގެ ފަރާތުން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙު ފާސްވީ 40 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްނުކުރުމަށް 25 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގައި ވަނީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުން އިނގިލީގެ ނިޝާން ހުށަހަޅަން އެއްމަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގައި އިނގިލީގެ ނިޝާން ހުށަނާޅައިފިނަމަ ޕާޓީގެ މެމްބަރުކަމުން ވަކިވާނެކަމަށެވެ. 

img:http://s3.psmnews.mv/images/660x400/6501.jpg|ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ / ފޮޓޯ: މަޖިލިސް

މި އިޞްލާޙުގައިވާ ގޮތުން، ސިޔާސީ ޕާޓީގެ މެމްބަރަކަށްވުމަށް، ނަމާއި، އެޑްރެހާއި، އައިޑީ-ކާޑު ނަންބަރާއި، ޢުމުރާއި، އިނގިލީގެ ނިޝާނާއި ސޮއިގެ އިތުރުން، ސޮއިކުރި ތާރީޚް އެނގެން އޮންނަ ގޮތަށް ހުށަހަޅަން ޖެހޭނެކަމަށާއި، މުއްދަތު ހަމަނުވާ އައިޑީކާޑު ކޮޕީއެއް ހުށަހަޅަން ޖެހެއެވެ. މި އިޞްލާޙު ހުށައެޅުއްވުމުގެ މަޤްޞަދުގެ ތެރޭގައި، 2013 ވަނަ އަހަރުގެ ކުރިން ހިނގައިދިޔަ މުއްދަތުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމަށް އިނގިލީގެ ނިޝާން ހުށަހަޅަން ނުޖެހުމުގެ ސަބަބުން، މެމްބަރުންގެ ނަމުގެ ޞައްޙަކަމާމެދު ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ލިބިވަޑައިގެން، މިކަމާ ގުޅިގެން ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާކަން ބަޔާންކުރައްވާފައިވެއެވެ.

ކޮމިޓީ ރިޕޯޓަށް ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ، މި އިޞްލާޙަކީ ހުރިހާ ޕާޓީއަކާމެދު ހަމަހަމަ އުޞޫލުން ކުރިޔަށް ގެންދެވުމަށް އެންމެ މުހިންމު އަދި ހެޔޮ ބަދަލަކަށް ވެގެންދާނެކަމަށެވެ. ނަމަވެސް ބައެއް މެމްބަރުން މި އިޞްލާޙަށް ދެކޮޅަށްވެސް ވާހަކަ ދެއްކެވިއެވެ. ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދެއްވާ ފައިސާ ދޫކުރެއްވުމުގައި އިނގިލީގެ ނިޝަން ހުށައަޅަން ދެއްވި މުއްދަތުތަކުގެ ތެރޭގައި މަޢުލޫމާތާއި ތަކެތި ހުށަހެޅި ޕާޓީތަކުގެ ދަފްތަރުތަކަށް ރިޢާޔަތްކުރައްވަން ވާނެކަމަށްވެސް ފާސްކުރެއްވި މި އިޞްލާޙުގައިވެއެވެ.