ޚަބަރު

ނިމުނު ހަފްތާ: ރައީސްގެ ދަތުރުފުޅާއެކު 31 ރަށަކަށް ތަރައްޤީގެ އައު އުންމީދުތަކެއް


  • ވ، މ، ފ އަދި ތ އަތޮޅު ރަށްރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް

  • އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގައި މުހިއްމު މަސައްކަތަކެއް

  • ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް 9 ބޭފުޅަކު އައްޔަން ކުރެއްވުން

  • ލީޑިން އެޑްވެންޗަރ ޑެސްޓިނޭޝަނާއެކު އިތުރު 35 އެވޯޑެއް ރާއްޖެއަށް

  • ފެނަކައިގެ 2.2 ބިލިޔަން ރުފިޔާގެ ޚިޔާނާތް

ނިމުނު ހަފްތާގައި ހިނގާ ދިޔަ ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ތަރުުފުޅެވެ.
8 ދުވަހުގެ މި ދަތުރުފުޅުގައި ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައެވެ. އަދި ތަރައްޤީގެ މުހިއްމު މަޝްރޫޢޫތަކާއި، ޚިދުމަތްތަކެއް ފައްޓަވައިދެއްވައި، ގިނަ މަޝްރޫޢުތަކެއްވެސް އިއުލާންކުރައްވާފައިވެއެވެ.

ނިމުނު ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލު އުފައްދަވައި، 5 ވަޒީރުން ހިމެނޭހެން އެކައުންސިލަށް 9 ބޭފުޅަކު ވަނީ އައްޔަންކުރައްވާފައެވެ.

ފަނޑިޔާރުންނަށް ޤާނޫނީ ގޮތުން ލިބޭ ބާރުވެރިކަމަކީ ޝަރީއަތްކުރުމަށް އޮންނަ ބާރެއްކަމަށާއި، އެއީ އެހެން ބައެއްގެ މައްޗަށް ބާރުވެރިކަން ހިންގުމަށް ލިބޭ ފުރުޞަތެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެފައި ވަނީވެސް ނިމުނު ހަފްތާގައެވެ. އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރި އަލްއުސްތާޛް އިިބްރާހިމް މާހިރު ހުވައިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ނިމުނު ހަފްތާ ދިމާވެފައިވަނީ އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަނުގެ މަތީ ފަންތީގެ ހަފްތާއަށްވެސް ވުމާއެކު މިހަފްތާގައި ބައިވެރި ވެވަޑައިގެންނެވުމަށް ރާއްޖެއިން ވަޑައިގެންނެވި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާއި ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ މުޙިއްމު ހަރަކާތްތަކެއްގައި ބައިވެރިވެވަޑާއިގެންފައެވެ. އެގޮތުން ޑިޖިޓަލް ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރަން ދައުވަތުދެއްވުމާއި، އަދި ސަރުކާރުގެ އާމާޒަކީ 2035ވަނަ އަހާރާއި ހަމައަށްދާއިރު ޖައްވަށްދޫކުރާ ވިހަގޭހުގެ މިންވަރު 1.5 މިލިޔަން ޓަނަށް މަދުކުރުންކަންވެސް މިސެޝަންގެ ހަވާސާގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ރާއްޖެއިން ވަނީ ހާމަކޮށްފައެވެ. އަދި ވިސާއާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭނެހެން ވިސާ ވެއިވަރގައި ވަނީ މިދަތުރުފުޅުގެ ތެރެއިން ސޮއިކޮށްފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޤައުމީ އޮޕަރޭޝަން ފަށާފައިވަނީވެސް ނިމިދިޔަ ހަފްތާގައެވެ.
ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށްގެންދާ މި ރެއިޑު އޮޕަރޭޝަންތަކުގައި މިހާތަނަށް 463 ތަނެއް ބަލައި ފާސްކޮށް، 932 ބިދޭސީން ޗެކްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 81 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ވިޔަފާރީއާ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ނިމުނު ހަފްތާގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓެއް ތައާރަފްކރުމާއި، މިއަހަރުގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސާޓާގައި ލީޑިން އެޑްވެންޗަރ ޑެސްޓިނޭޝަން ހިމެނޭޙެން 35 އެވޯޑެއް ރާއްޖެއިން ހާސިލުކުރި ޚަބަރު ފާހަގަކުރެވެއެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ.