ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން 4 މީހަކު ހައްޔަރުކޮށްފި


  • މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (24.06 ގުރާމް) އާއި 363 ގުޅަ މަނާބޭސް ފެނިފައިވޭ

  • ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވޭ

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓު ބަލައިފާސްކޮށް 4 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (24.06 ގުރާމް) އާއި 363 ގުޅަ މަނާބޭސް (37.6 ގުރާމް) ފެނިފައިވާ ކަމަށެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / މާވަސްގެ، އަޙްމަދު ސައްފާން (26އ) އާއި، މާލެ / ހމ. މާވަހަރު، ޝާނާ (32އ) އާއި، ފާރޫކް ޗޮކީދާރު / ބަންގްލަދޭޝް (50އ) އަދި ސަފިކް / ބަންގްލަދޭޝް (40އ) އެވެ. މި ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާނާ (32އ) 10 ދުވަހަށް އަދި ދެންތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.