ސިއްހަތު

ރަންވޭލާ ކެމްޕެއިންގެ ތަމްރީންތަކެއް ބ.އަތޮޅުގައި ހިންގައިފި


އުމުރުން ދުވަސްވީ މީހުންނަށް ޢަމާޒުކުރައްވައިގެން "ރަންވޭލާ"ގެ ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ކުރިޔަށް ގެންދަވާ ޚާއްޞަ ކެމްޕެއިންގެ ދަށުން ބ.އަތޮޅުގައި ޚާއްޞަ ތަމްރީންތަކެއް ހިންގަވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މައްލޫމާތުދެއްވާ ގޮތުގައި، ރަންވޭލާ ކެމްޕޭންގެ ދަށުން މިހަފްތާގެ ތެރޭގައި ބ.އަތޮޅުގެ ތޭރަ ރަށެއްގެ ޞިއްޙީ މަސައްކަތްތެރިންނާއި، އިޖްތިމާއީ އެހީތެރިން ހިމެނޭ ގޮތައް ޖުމްލަ 27 ބޭފުޅަކަށް ވަނީ ޢަމަލީ ތަމްރީން ހިންގަވާފައެވެ. އަދި ރަންވޭލާ ކެމްޕޭންގެ ދަށުން، އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ބ.އަތޮޅުގެ އޭދަފުށްޓާއި، ދޮންފަނާއި މާޅޮހުގެ އިތުރުން ދަރަވަންދޫގައި ހެލްތު ސްކްރީނިންގ ޕްރޮގްރާމެއްވެސް ކުރިޔަށްގެންދެވިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ސްކްރީނިންގް ޕްރޮގްރާމް ކުރިޔަށްގެންދަވާފައިވަނީ، ބ.އަތޮޅު އޭދަފުށީ ހޮސްޕިޓަލާއި އެއަތޮޅުގެ އެހެން ރަށްތަކުގެ ހެލްތު ސެންޓަރ ގުޅިގެން ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިމަހުގެ ސާދަ ވަނަ ދުވަހު "ރަންވޭލާ" ގެ ނަމުގައި ޖެންޑަރ މިނިސްޓްރީން ފެއްޓެވި މިކެމްޕޭނަކީ، މުޖުތަމަޢާއި ޢާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއިއެކު، އެފަދަ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނޭ ގޮތްތައް މަގުފަހި ކޮށްދިނުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރަން މަސައްކަތް ކުރެއްވުމުގެ މަޤްޞަދުގައި ފެއްޓެވި ކެމްޕޭނެކެވެ.

"ރަންވޭލާ" ކެމްޕެއިންގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުމާއި، އަޅާލުމާއި، ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި، މި 3 ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، މުޖުތަމަޢުގެ އެކި ފަރާތްތަކަށް ޢަމާޒު ކުރައްވައިގެން ހޭލުންތެރި ކުރުމުގެ ސެޝަންތަކާއި، ތަމްރީން ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ކުރިޔަށްގެންދެވުމަށް ހަމަޖެހިފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.