ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ޖިއޮވާނީ ލިއޯނީއަށް އަނިޔާވެ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުމުން، ޔުއެފާ ޗެމްޕިއަންސް ލީގު ސްކޮޑުން ފެޑެރީކޯ ކިއޭސާއަށް ޖާގަ ދޭން ނިންމައިފިއެވެ.
ލިއޯނީއަށް އަނިޔާވީ އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕުގައި ލިވަޕޫލް ކުޅުނު މެޗުގައެވެ. އެ މެޗުގެ ފަހު ބައިގައި ދަނޑުން ބާލަން ޖެހުނު ކުޅުންތެރިޔާގެ ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އައުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
ކޯޗު އާނޭ ސްލޮޓް ބުނީ ކަރަބާއޯ ކަޕުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި މޮޅަށް ކުޅުނު ކިއޭސާ ޗެމްޕިއަންސް ލީގު ސްކޮޑުން ޖާގަ ދޭން ނިންމީ މިވަގުތު އޭނާ ދައްކާ ކުޅުން ރަނގަޅުވުމުން ކަމަށެވެ.
ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތަށް ލިވަޕޫލްއިން އެކުލަވާލި ޓީމުން ކިއޭސާ ބާކީކުރުމުން ކުޅުންތެރިޔާގެ އެޖެންޓް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ލިވަޕޫލްއިން ވާހަކަ ދެއްކީވެސް ކޯޗު ސްލޮޓެވެ.
އޭނާ ބުނީ ޗެމްޕިއަންސް ލީގަށް ލިވަޕޫލްއިން އެކުލަވާލި ސްކޮޑުން ކިއޭސާ ބާކީކުރުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.
"މިއީ އަހަރެންނަށްވެސް ފަސޭހަ ނިންމުމެއް ނޫން. އޭނާ އަށް ވެސް މިކަން އެނގޭނެ. އެކަމަކު އޭނާ އަށް އަހަރެންގެ މި ނިންމުމުގެ ސަބަބުން އެބަ ވިސްނޭ. އެހެންވީމާ އޭނާ މަސައްކަތް ކުރާނީ ގްރޫޕް ސްޓޭޖަށް ފަހު ޓީމަށް ބަދަލު ގެންނައިރު ޖާގަ ހޯދުމަށް،" ކޯޗު ބުންޏެވެ.
ސްލޮޓް ބުނީ ހުސްވި ސީޒަނުގައި ލިވަޕޫލްއާ ގުޅުމަށްފަހު އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކުޅުންތެރިޔާ މި ސީޒަނުގައި އަންނަނީ ކުރިއަށްވުރެ ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށެވެ. އެގޮތުން އޭނާ އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލްއަށް ފުރަތަމަ ލަނޑެއް ޖަހައިދިނީވެސް މި ސީޒަނުގައެވެ.
ސްލޮޓް ކުރިން ބުނީ ކިއޭސާ ޗެމްޕިއަންސް ލީގު ސްކޮޑުން ބާކީކުރި ނަމަވެސް މި ސީޒަނުގައި ލިވަޕޫލް ވާދަކުރާ އެހެން މުބާރާތްތަކުގައި އެހީވާން އޭނާ ހުންނާނެ ކަމަށެވެ. މިއީވެސް ކުލަބާއި ކުޅުންތެރިޔާއަށްވެސް ލިބޭ ހިތްހަމަޖެހުމަކަށް ވާނެ ކަމަށް ވަނީ ބުނެފައެވެ.
ލިވަޕޫލްއަކީ މި ސީޒަނުގައި ޕްރިމިއަރ ލީގުން އެންމެ ބޮޑު ހޭދައެއްކޮށް ޓީމު ވަރުގަދަކުރި ޓީމެވެ. ހުސްވި ސީޒަނުގައި ހޯދި ތަށި ދިފާއުކުރުމަށް ލިވަޕޫލްއިން ވަނީ މި ސީޒަނުގައި 450 މިލިޔަން ޕައުންޑަށްވުރެ ބޮޑު ހޭދައެއްކޮށްފައެވެ.