މުނިފޫހިފިލުވުން

ޢީދު ޝޯވގެ ފަންނާނުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި


ލ އަތޮޅު ފޮނަދޫގައި މިއަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ޕީއެސްއެމްއާއި ލ ފޮނަދޫ ކައުންސިލާއި ގުޅިގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޢީދުގައި ޕާފޯމް ކުރާ ބައެއް ފަރާތްތަކާއި މެދު އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކުރައްވާފައެވެ. 

މި ސޮއިކުރުމުގެ ރަސްމިޔާތުގައި މޯލްޑިވިއަން އައިޑަލްގެ ބައެއް ތަރިނާއި ރާއްޖޭގެ ބައެއް މަޝްހޫރު ފިލްމީތަރިންގެ އިތުރުން ބޮޑުބެރު ގުރޫޕް ހިމެނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކުގެ އިތުރުން ފަންނާނުންވެސް މި ޢީދު ޝޯއިން ފެނިގެންދާނެކަމަށް ޕީއެސްއެމްއިން ބުނެއެވެ. އަދި ސަގާފީ އެކި އެކި ހަރަކާތްތަކުގެ އިތުރުން ތިމާވެއްޓާއި ރައްޓެހި ބައެއް ހަރަކާތްތައް ތަޢާރަފްކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް ވެސް ޕީއެސްއެމްއިން މަޢުލޫމާތުދެއެވެ. އެގޮތުން ބައިކް މޯލްޑިވްސްއާއި ޕީއެސްއެމްއާއި ފޮނަދޫ ކައުންސިލާ ގުޅިގެން ވަރަށް ޙާއްސަ ބައިސްކަލް ބުރެއް އީދުގެ ތެރޭގައި ކުރިޔަށްދިއުމަށް ވަނީ ހަމަޖެހިފައެވެ. ބައިކް މޯލްޑިވްސްގެ މި އިވެންޓްގައި ބައިވެރިވުމަށްޓަކައި މާލެއިން 50 މީހުން ފޮނަދޫއަށް ދިއުމަށް ހަމަޖެހިފައިވެއެވެ.

ލ އަތޮޅުގައި ކުރިޔަށްގެންދާ ޢީދުގެ ހަރަކާތްތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ލ ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ ކުރިޔަށް އޮތް ދެތިންދުވަހުގެ ތެރޭގައި ޢީދު މައިދާން ތައްޔާރު ކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި އީދު ފެށުމުގެ ހަފްތާއެއްގެ ކުރިން މައިދާން ތައްޔަރުކުރެވި އާމުންނަށް ދައްކާލެވޭވަރުވާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިއީ ބޮޑު ޙަރަދުތަކެއް ކުރައްވައިގެން ކުރިޔަށްގެންދާ ހަރަކާތަކަށް ވާއިރު، މި ޙަރަދުތަކާ އެއްވަރަށް ފަންނާނުގެ ފަރާތުން ފުރިހަމަ ޕާރފޯމެންސެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. 

ލ ފޮނަދޫގައި ކުރިޔަށްގެންދާ އީދުގެ ހަރަކާތުގައި ޕާރފޯމް ކުރާނެ ފަރާތްތައް ހޯދުމުގައި ބަލާފައިވާނީ ލ އަތޮޅުގެ ރައްޔިތުން ބޭނުންވާ ފަރާތްތައް ހޯދުމަށް ކަމަށް ޕީއެސްއެމްއިން މަޢުލޫމާތުދެއެވެ. އެގޮތުން ހަރުބީ ބޮޑުބެރުގުރޫޕާއި ވޫޑޫ ބޭންޑާއި މޯލްޑިވިއަން އައިޑްލްއިން ވިދާލި ފަންނާނުންގެ އިތުރުން، ޖާދުﷲ ގުރޫޕް ހިމެނޭ އަދި ފިލްމީ ތަރި ޔޫސުފް ޝަފީއު މި ޢީދު ޝޯގައި ޕާފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައްޔިތުން އުންމީދު ކުރާވަރުގެ ޝޯއަކަށް މި ޢީދު ޝޯ ހެދުމަށްޓަކައި ޕީއެސްއެމްއާއި ފޮނަދޫ ކައުންސިލުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.