ޚަބަރު

ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް އިންޑިއާގެ އެހީތެރިކަން ހޯދަނީ


ރާއްޖޭގައި އުފައްދަވާފައިވާ އެންޓި-ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އިންޑިއާގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިވަޑައިގެންފިއެވެ.

މިކަމަށް އެދިވަޑައިގަތީ  ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ.މުޙައްމަދު އާސިމް އިންޑިއާއަށް ކުރެއްވި އެއްދުވަހުގެ ދަތުރުފުޅުގައި އެޤައުމުގެ އެކްސްޓާރަނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ. އިންޑިއާގެ ފޮރިން މިނިސްޓަރުގެ ދަޢުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އިންޑިއާއަށް ކުރެއްވި ދަތުރުފުޅާބެހޭ މަޢުލޫމާތު ޕީ.އެސް.އެމް ނިއުސްއާއި ޙިއްޞާ، ކުރައްވަމުން އިންޑިއާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރ އަޙްމަދު މުޙައްމަދު ވިދާޅުވީ،  އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓްރީގައި ބޭއްވި ދެބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ފެބްރުއަރީމަހު އުފެއްދެވި "ނޭޝަނަލް ކައުންޓަރ-ޓެރަރިޒަމް ސެންޓަރ" ގެ ކަންކަން ކުރިޔަށް ގެންދިއުމުގައި އިންޑިއާގެ އެހީތެރިކަމަށް ރާއްޖޭގެ މިނިސްޓަރ އެދިވަޑައިގެންނެވި ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ރާއްޖޭގައި ބޭއްވެވި "މޯލްޑިވްސް އިންޑިއާ ޖޮއިންޓް ކޮމިޝަން" ގެ ފަސް ވަނަ ސެޝަންގެ ނިންމުންތައް ތަންފީޒުކުރެވުނު މިންވަރާ ބެހޭގޮތުންނާއި، އަދި އެނިންމުތަކާއެކު ކުރިޔަށް ދިއުމަށް ދެޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނޭ ގޮތްތަކާބެހޭ ގޮތުންވެސް މަޝްވަރާކުރެވުނުކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ދޭދޭ ގުޅުން ބަދަހިކޮށް ކުރިޔަށް އޮތްތާނގައި، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭގޮތުން ދެ ޤައުމުގެ މިނިސްޓަރުން މަޝްވަރާކުރެއްވިކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ. މިނިސްޓަރ އޮފް ފޮރިންގ އެފެއަރޒް ޑރ. މުޙައްމަދު އާސިމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ނާއިބު ރައީސް ޙާމިދު އަންޞާރީއާވެސް މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ، ދެޤައުމުގެ ޒަމާންވީ ބަދަހިގުޅުމުގެ މައްޗަށާއި މިގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުޙައްމަދު އާސިމް، ފޮރިން މިނިސްޓަރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު މި ކުރެއްވީ އަވައްޓެރި އެކުވެރި އިންޑިއާއަށެވެ.

އިންޑިއާގައި ހުންނެވި ދިވެހި ހައިކޮމިޝަނަރ ވިދާޅުވީ މާޒީއަށް ބަލާއިރު، ހުރިހައި ފޮރިން މިނިސްޓަރުންވެސް ފުރަތަމަ ދަތުރުފުޅެއް ކުރައްވާފައިވަނީ އިންޑިއާއަށްކަމަށާއި، މިކަން އިންޑިއާގެ އިސް މަސްއޫލުވެރިން ފާހަގަކުރައްވައި، އެކަން ވަރަށް އީޖާބީގޮތުގައި ބަލައިގަންނަވާ ކަމަށެވެ. ފޮރިން މިނިސްޓަރ އިންޑިއާއަށް ކުރެއްވި ދަތުރުފުޅު މިހާރު ވަނީ ނިންމަވާލައްވާފައެވެ.