ކުޅިވަރު

ޔަމާލްގެ ބައްޕަގެ ނުރުހުން: ބަލޮންޑޯ އެވޯޑް ވަގަށް ނެގީއޭ ބުނާކަށް ނެތިން


ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބަލޮންޑޯ އެވޯޑް އޭނާގެ ދަރިފުޅަށް ނުދިނުމަކީ އިންސާނަކަށް ނަފްސާނީ ގޮތުން ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށް ބާސެލޯނާގެ ޒުވާން ފޯވަޑް ލަމީން ޔަމާލްގެ ބައްޕަ މުނީރު ނަސްރައުއީ ބުނެފި އެވެ.

ފްރާންސްގެ ޕެރިހުގައި އިއްޔެ ރޭ ބޭއްވި ހަފުލާ އަށް ޔަމާލް ދިޔައީ ބައްޕަ އާއި މާމަ އާއި އާއިލާގެ ގިން މެމްބަރުން ގޮވައިގެންނެވެ.

ނަމަވެސް އޭނާ ދިޔައީ ފްރާންސްގް ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭގެ ފަހަތުން ދެ ވަނަ އަށެވެ. ނަމަވެސް ވިދިވިދިގެން ދެ ވަނަ ފަހަރަށް 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޔަމާލަށް ލިބުނެވެ. މިއީ މި އެވޯޑް އެއް ކުޅުންތެރިއަކަށް ދެ ވަނަ ފަހަރަށް ވިދިވިދިގެން ލިބުނު ފުރަތަމަ ފަހަރެވެ.

"އަހަރެން ބުނާނީ މިއީ އިންސާނަކަށް ނަފްސާނީ ގޮތުން ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށް. އަހަރެން މި އެވޯޑް ވަގަށް ނެގީއޭ ބުނާކަށް ނެތިން. އަހަރެން ދެކޭ ގޮތުގައި ޔަމާލަކީ ތަފާތު ބޮޑުކޮށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެން މިހެން މި ބުނަނީ އެއީ އަހަރެންގެ ދަރިފުޅަށް ވެގެނެއްނޫން. އަހަރެން ދެކޭ ގޮތުގައި އޭނާއާ ވާދަކުރެވޭ ވަރުގެ މީހަކު ނެތް. ލަމީން އަކީ ލަމީން ޔަމާލް. މި ތަނުގައި (މި ހަފުލާގައި) ކޮންމެވެސް ކަންތައްތަކެއް ހިނގައިފި. އަންނަ އަހަރަކީ ސްޕޭނުގެ ކުޅުންތެރިއަކަށް ބަލޮންޑޯ ލިބޭ ފަހަރަށް ދެން ވެގެންދާނީ،" ޔަމާލްގެ ބައްޕަ މުނީރު ބުންޏެވެ.

އުމުރުން 28 އަހަރުގެ ޑެމްބެލޭ ވަނީ ހުސްވި ސީޒަނުގައި 53 މެޗުން 35 ގޯލު ޖަހައިފަ އެވެ. އަދި އޭނާ ވަނީ ޕީއެސްޖީ އަށް ފްރާންސް ލީގާއި ފްރެންޗް ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ވެސް ޓީމު ގެންގޮސްދިނެވެ.

އުމުރުން 18 އަހަރުގެ ޔަމާލަށް ބަލާއިރު 55 މެޗުން އޭނާ ވަނީ 18 ގޯލު ޖަހައި ތިން ތަށި ހޯދައިފަ އެވެ. އެއީ ސްޕެނިޝް ކަޕާއި ސްޕެނިޝް ސުޕަކަޕް އަދި ސްޕެނިޝް ލީގެވެ. ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓީ ސެމީ ފައިނަލުންނެވެ. މިހެންވެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ރަސްމިއްޔާތަށް ފަހު ބުނީ ބަލޮންޑޯ އެވޯޑް ޑެމްބެލޭ އަށް ލިބުނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އަހަރެންނަށް ހީވަނީ ޗެމްޕިއަންސް ލީގުގެ ބުރަދަން ބޮޑުވީހެން މި ފަހަރުގެ އެވޯޑް ޑިސައިޑް ކުރުމުގައި. ޔަމާލަކީ މޮޅު ކުއްޖެއް. އަހަރުމެން ޓީމުން އޭނާ އާއި ރަފީނިއާ އަދި ޕެޑްރީ ނޮމިނޭޓްވި. އަހަރެންނަށް ޔަގީން ޔަމާލަކީ އަދި މި އެވޯޑް އެތައް ފަހަރަކު ހޯދާނެ ކުޅުންތެރިއެއް. އޭނާގެ ވަގުތު އަންނާނެ،" ލަޕޯޓާ ވިދާޅުވި އެވެ.

ޔަމާލްގެ އެޖެންޓް ޖޯޖް މެންޑޭޒް ވެސް ބުނީ ޔަމާލަކީ ކުރިމަގު އޮތް ކުޅުންތެރިއެއް ކަމަށާއި ބަލަންޑޯ ހާސިލް ކުރުމުގެ ހުރިހާ ފުރުސަތެއް ކުޅުންތެރިޔާ އަށް އެބައޮތް ކަމަށެވެ.