ފްރާންސް ފުޓްބޯޅަ މެގަޒިން އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ފްރާންސާއި ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލެ ހޮވައި ބަލަންޑޯ އެވޯޑް ދީފި އެވެ.
މި އެވޯޑް އޭނާއާ ހަވާލު ކުރީ ރޭ ފްރާންސްގެ ޕެރިހުގައި ބޭއްވި އެވޯޑް ހަފުލާގަ އެވެ. މިއީ މި އެވޯޑް ހާސިލްކުރި ފުރަތަމަ ފަހަރެވެ. މި އެވޯޑަށް އޭނާއާ އެންމެ ގާތުން ވާދަ ކުރީ ބާސެލޯނާ އާއި ސްޕޭނުގެ އެޓޭކިން މިޑްފީލްޑަރު ލަމީން ޔަމާލް އެވެ. ތިން ވަނަ އަށް ދިޔައީ ޕިއެސްޖީގެ ވިޓީނިއާ އެވެ. ހަތަރު ވަނަ ލިބުނީ ލިވަޕޫލްގެ މުހައްމަދު ސަލާހަށެވެ. ފަސް ވަނަ އަށް ބާސެލޯނާގައި މޮޅަށް ކުޅުނު ބްރެޒިލްގެ ރަފީނިއާ އެވެ. އޭގެ ފަހަތުން ޗެލްސީގެ ކޯލް ޕަލްމާ އާއި ނޫނޯ މެންޑޭޒް އަދި ކީލިއަމް އެމްބާޕޭ އާއި އަޝްރަފް ހަކީމީ އެވެ.
އޭނާ އަށް މި އެވޯޑް ހަވާލުކޮށްދިނީ 2005 ވަނަ އަހަރު މި އެވޯޑް ހާސިލް ކުރި ބްރެޒިލާއި ބާސެލޯނާގެ ލެޖެންޑް ރޮނާލްޑީނިއޯ އެވެ.
ޑެމްބެލޭ މޮޅަށް ކުޅެގެން ޕީއެސްޖީން ވަނީ ހުސްވި ސީޒަނުގެ ތިން ތަށި ކާމިޔާބުކޮށް، ކުލަބު ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅެފަ އެވެ. އޭނާގެ ބޮޑު ހިއްސާއަކާ އެކު ޕީއެސްޖީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ މިހާތަނަށް އެ ކުލަބު ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.
އެވޯޑް ލިބުމަށްފަހު އުފަލުން ގޮސް ރޮމުން ވާހަކަ ދައްކަމުން ޑެމްބެލޭ ބުނީ މި ކާމިޔާބީ އަކީ އޭނާ އުއްމީދު ކުރ ކާމިޔާބީއެއް ކަމަށާއި އެވޯޑް ލިބުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ.
"ކުލަބުގެ ކުޅުންތެރިންނާއި ކޯޗާއި ސަޕޯޓަރުންނާއި ކުލަބުގެ ރައީސަށް އަހަރެން ޝުކުރު އަދާ ކުރަން. މިއީ ވަރަށް މަސައްކަތުން ހާސިލް ކުރެވުނު ކާމިޔާބީއެއް،" ކުރިން ބާސެލޯނާ އަށް ކުޅުނު ޑެމްބެލޭ ބުންޏެވެ.
އެވޯޑް ލިބުމަށްފަހު އޭނާ އެންމެ ބޮޑު ޝުކުރެއް އަދާކުރީ މަންމަ އަށެވެ. އަދި އެވޯޑް ހަފުލާ އަށް ގޮސް އިން އޭނާގެ މަންމަ އަށް ގޮވައި ސްޓޭޖަށް ދައުވަތު ދިނުމަށްފަހު ޑެމްބެލޭ އޭނާގެ އެވޯޑް މަންމަ އަށް ދިނެވެ.
މި އެވޯޑް ޑެމްބެލޭ އަށް ލިބުމުންނާއި އޭގެ ކުރިން ވެސް އޯޑިއަންސްގައި ތިބި ސަޕޯޓަރުން އޭނާގެ ނަމުން ގޮވައި ވަރަށް ބޮޑަށް ތަރުހީބު ދެމުންދިޔަ އެވެ.