ކުޅިވަރު

ބަލޮންޑޯ ހޯދައި ބޮންމާޓޭ ހެޓްރިކް ހަދައިފި


ފްރާންސް ފުޓްބޯޅަ މެގަޒިން އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބަލަންޑޯ އެވޯޑް ވިދިވިދިގެން ތިން ވަނަ ފަހަރަށް ހޯދައި ބާސެލޯނާގެ އައިޓާނާ ބޮންމާޓީ ހެޓްރިކް ހަދައިފި އެވެ.

އޭނާ އަކީ ހުސްވި ދެ އަހަރު ވެސް މި އެވޯޑް ހާސިލްކުރި ކުޅުންތެރިޔާ އަދި އަދި ތިން ފަހަރު މި އެވޯޑް ހާސިލްކުރި ހަމައެކަނި އަންހެން ކުޅުންތެރިޔާ އެވެ.

މި ފަހަރުގެ އެވޯޑަށް އޭނާއާ އެންމެ ގާތުން ވާދަ ކުރީ ކުރިން ބާސެލޯނާ އަށް ކުޅުމަށް ފަހު ހުސްވި ސީޒަނުގައި އާސެނަލް އަށް ބަދަލުވި ސްޕޭނުގެ މަރިއޯނާ ކޮލްޑަންޓޭ އެވެ. ތިން ވަނަ އަށް ދިޔައީ އާސެނަލްގެ އިނގިރޭސި ފޯވަޑް އެލެސިއާ ރުސޯ އެވެ. ހަތަރު ވަނަ ހޯދީ 2021 އަދި 2022 ވަނަ އަހަރުގެ ބަލަންޑޯ އެވޯޑް ހާސިލްކުރި ބާސެލޯނާގެ ކެޕްޓަން އެލެކްޒިއާ ޕުޓެޔާސް އެވެ.

ފްރާންސްގެ ޕެރިހުގައި ބޭއްވި އެވޯޑް ހަފުލާގައި މި އެވޯޑް އޭނާއާ ހަވާލު ކުރީ ބާސެލޯނާ އާއި ސްޕޭނުގެ ކުރީގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ އެވެ.

އެވޯޑް ލިބިގަތުމަށްފަހު އޭނާ ބުނީ މިއީ މުޅި ޓީމުގެ މަސައްކަތުން ހާސިލް ކުރެވުނު ކާމިޔާބީ އެއް ކަމަށެވެ.

"ކުލަބުގެ ރައީސް ޖޯން ލަޕޯޓާ އާއި ކޯޗުންނާއި ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކުރަން. މިއީ އަހަރެން ކުޑައިރު އުއްމީދު ވެސް ކުރި ކަމެއް ނޫން. އެކަމަކު މި ކާމިޔާބޫ ހާސިލް ކުރެވުނީ އެކަންޏެއްނޫން. ފުޓްބޯޅައިގެ ކޮންމެ އެވޯޑަކީ ވެސް ކަލެކްޓިވް އެއްޗެއް،" ބޮންމާޓޭ ބުންޏެވެ.

އޭނާ ބުނީ ވިދިވިދިގެން ތިން ވަނަ ފަހަރު އެވޯޑް ލިބިދާނެ ކަމަށް ކުޑަކޮށް ވެސް އުއްމީދު ނުކުރާ ކަމަށާއި ނަމަވެސް މި ކާމިޔާބު ހާސިލް ކުރެވުމުން އިތުރަށް ކުރިއަށްދާން ހިތްވަރު ލިބިއްޖެ ކަމަށެވެ.

"މިދިޔަ ސީޒަނުގައި ކުލަބަށް ކާމިޔާބު ހޯދައިދޭން ވަރަށް މަސައްކަތް ކުރިމް. އެކަމަކު އަހަރުމެންނަށް ވަނީ އެހެން މޮޅު ކުޅުންތެރިން ތިބި ޓީމުތަކުގެ ސަބަބުން ފުރުސަތު ގެއްލިފައި. މިފަހަރު އުއްމީދަކީ އަލުން ކާމިޔާބީ ހޯދުން،" ބޮންމާޓޭ ބުންޏެވެ.

ބޮންމާޓޭ ވަނީ ހުސްވި ޖޫން މަހު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕޭން ކުޅުނު ފުރަތަމަ ދެ މެޗުގައި ބެންޗުގައި އިނދެފަ އެވެ. އެއީ މުބާރާތުގެ ކުރިން ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމުންނެވެ.

ބޮންމާޓޭ ވަނީ ބާސެލޯނާގައި ވެސް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ގޮތުން ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އެ ޓީމަށް ކާމިޔާބު ކޮށްދީ ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިނެވެ. ބޮންމާޓޭ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ވެސް މޮޅު ކުޅުންތެރިޔާ އެވެ.