ހުސްވި ސީޒަނުގައި ދެއްކި ކުޅުމަށް ބަލާފައި އެންމެ މޮޅު ޒުވާން ކުޅުންތެރިންނަށް ބާސެލޯނާ އާއި ސްޕޭނުގެ މިޑްފީލްޑަރު ލަމީން ޔަމާލް ހޮވައިފި އެވެ.
އޭނާ އަކީ މިދިޔަ އަހަރު ވެސް މި މަގާމު ހާސިލް ކުރި ކުޅުންތެރިޔާ އެވެ. މިއާއެކު ވިދިވިދިގެން މި އެވޯޑް ހާސިލްކުރި ފުރަތަމަ ކުޅުންތެރިއަކީ އޭނާ އެވެ. އުމުރުން 19 އަހަރުގެ ޔަމާލަށް އޭނާ އަށް މި އެވޯޑް ހަވާލުކޮށްދެއްވީ ފްރާންސްގެ ޕްރިހުގައި ރޭ ބޭއްވި ބެލޮންޑީއޯ އެވޯޑް ހަފުލާގައި ފްރާންސާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ރަފޭލް ވަރާން އެވެ.
ބައްޕަ އާއި މާމަ އާއި އާއިލާގެ އެނޫން ވެސް މެމްބަރުން ގޮވައިގެން އެވޯޑް ހަފުލާ އަށް ދިޔަ ޔަމާލް އެވޯޑް ލިބިގަތުމަށް ފަހު އޭނާ ބުނީ އެންމެ މުހިންމު އެވޯޑަށް ވެސް އޭނާ އުއްމީދު ކުރާ ކަމަށެވެ. އެއީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑީއޯ އެވޯޑެވެ.
އެންމެ މޮޅު އަންހެން ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާގެ ވިކީ ލޮޕޭޒެވެ. އުމުރުން މިހާރު 19 އަހަރުގެ ވިކީ ވަނީ ހުސްވި ސީޒަނުގައި ބާސެލޯނާގައި މޮޅަށް ކުޅެފަ އެވެ. އަދި ނިމިދިޔަ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕޭން ޓީމުގައި ވެސް އޭނާ މޮޅަށް ކުޅުނެވެ. މި އެވޯޑަށް އޭނާއާ އެންމެ ގާތުން ވާދަ ކުރީ ބްރޒއިޓަންގެ މިޝޭލް އަގްޔެމަންގް ލިންޑާ ސެސިސޭޑޭ އާއި އާސެނަލްގެ ވިއޭކޭ ކެޕްޓައިން އާއި އެތްލެޓިކޯގެ ކްލައުޑިއާ މާޓިނޭޒެވެ.