ވިޔަފާރި

ޤާނޫނަށް ގެންނެވި އިސްލާހާއެކު ސީއެމްޑީއޭއަށް ބަދަލު އަންނާނެ


ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް ގެންނެވި އިޞްލާޙާއެކު ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ ސީއެމްޑީއޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ މަޖިލިސް ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޚަލީލް ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކައްޗަކީ ސްޓޮކް މާކެޓްކަމަށެވެ. އެހެންކަމުން މި ޤާނޫނާއެކު ރާއްޖޭގެ ސްޓޮކް މާކެޓް ތަރައްޤީކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަގު ހުޅުވިގެން ގޮސްފައިވާކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި ސްޓޮކް މާކެޓަށް ހެޔޮ ބަދަލުތަކެއް އަންނަ ކޮންމެ ފިޔަވަޅަކީ އެޤައުމެއްގެ އިޤްތިޞާދަށް ސީދާގޮތުން ވަރަށް ބޮޑެތި ރަނގަޅު އަސަރުތަކެއް ކުރާނެކަމެއްކަމުގައި ވިދާޅުވިއެވެ.

މި ޤާނޫނުގެ ސަބަބުން، ލިސްޓްކޮށްފައިހުރި ކުންފުނިތައް ޙިއްސާ ވިއްކުމުގައި ޢަމަލުކުރާނެ ރަނގަޅު އުސޫލުތަކެއް އަދި ފަސޭހަ ގޮތްތަކެއް ކަނޑައެޅިގެންދާނެކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. ސީއެމްޑީއޭ އުފެއްދުމުގެ ކުރިން ކަނޑައެޅިފައިވާ ބައެއް އުޞޫލުތައްވެސް މި ޤާނޫނުގެ ތެރެއިން ބަދަލުކޮށްފައިވާކަމަށް އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރު ވިދާޅުވިއެވެ.

މި އުޞޫލުތަކަށް ބަދަލުގެންނެވީ ސީއެމްޑީއޭއައުމާއެކު މިކަންކަމަށް ބަދަލު އަންނަންޖެހޭތީކަމަށާއި ނަމަވެސް ސީއެމްޑީއޭއައުމާއެކު މިކަން ބަދަލުވިނަމަ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް މިހާރު އޮތްވަރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިނގަމުންދާނެކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.