ވިޔަފާރި

ސަރުކާރު ވަނީ ޓްރާންސްފޯމޭޝަނަކަށް މިސްރާބުޖަހާފައި- މިނިސްޓަރ


ގޮންޖެހުންތަކަކާއެކުވެސް ސަރުކާރުން މިހާރު މިވަނީ ޓްރާންސްފޯމޭޝަނަކަށް މިސްރާބުޖަހާފައިކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގެ އުތުރުފަރާތު ބަނދަރުގައި ދަތުރުވެރިންނަށް ޚާއްޞަކުރައްވައިގެން ހުޅުއްވި، ދަތުރުވެރިންގެ މާލަން ހުޅުއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މާލޭގެ އުތުރުފަރާތުގެ ބަނދަރު ނުވަތަ މީރުބަހުރު ބަނދަރުގައި ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ހުޅުވި ދަތުރުވެރިންގެ މާލަމަކީ، ސައުވީސްގަޑިއިރު ހުޅުވިފައި ހުންނަ ތަނެކެވެ. މި މާލަމަކީ ދަތުރުވެރިން މަޑުކޮށްލައިގެން ތިބެވޭ ތަނެކެވެ. އެއަރކަންޑިޝަންކޮށް، ކޮފީމޭޒު ޖަހާފައި ހުންނަ އަދި އިށީނދެތިބުމުގެ ފަސޭހަ އިންތިޒާމްތައް ހަމަޖެހިފައިވާ މިތަނަކީ ކޮންމެ ދަތުރުވެރިޔަކަށްވެސް މަޑުކޮށްލުމުގެ ފުރުޞަތު ހިލޭ ހަމަޖެހިފައި ހުންނަ ތަނެކެވެ. 

މިތަން ހަދާފައި މިވަނީ މާލެއާއި އަތޮޅުތަކާއި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރު ގިނަ ޢަދަދަކަށް ބަނަދަރުކުރާ މި ސަރަޙައްދެއްގައެވެ. މި މާލަމާއެކު އެކި ވާބަތުގެ ތަފާތު އެއްޗެހި ވިއްކާ ފިހާރައެއްވެސް ވަނީ ހުޅުވާފައެވެ. މިމާލަމަކީވެސް އަދި ފިހާރައަކީވެސް އެމްޕީއެލްގެ ފަރާތުން ބަލަހައްޓާ ތަންތަނެވެ.

މި މާލަމާއި، އެމްޕީއެލް ޝޮޕް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުއެވެ.  މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، ގޮންޖެހުންތަކާކާއެކުވެސް ސަރުކާރުން މިހާރު މިވަނީ ޓްރާންފޯމޭޝަނަކަށް މިސްރާބުޖަހާފައި ކަމަށާއި، މިކަމުގައި ހުރިހާ އެންމެންގެވެސް އެއްބާރުލުން ފުރިހަމައަށް ބޭނުންވާ ކަމަށެވެ. ސަރުކާރުން މިހާރު ފަށްޓަވާފައިވާ ތަރައްޤީގެ ހުރިހާ މަޝްރޫޢަކަށް ބޭނުންވާ ސާމާނު ގެންނަ މައި ބަނދަރަކީ، މާލޭގެ ވިޔަފާރި ބަނދަރު ނުވަތަ ސީޕޯޓް ކަމަށްވުމުން، އެ ބަނދަރު އިތުރަށް ތަރައްޤީކުރެއްވުމުގެ ވިސްނުންފުޅު ރައީސް ޔާމިން ގެންގުޅުއްވާކަމަށާއި، އެކަމަށް ބޭނުންވާ މުހިއްމު ނިންމެވުންތައް މިހާރުވެސް ނިންމަވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވީ، ބަނދަރުގެ ޙާލަތު ރަނގަޅުކުރުމަށް މިހާރު އޯޑަރު ދެއްވާފައިވާ ތަކެތި ވަރަށް އަވަހަށް މާލެ ގެނެވޭނެ ކަމަށެވެ. އަދި ބަނދަރު ބޮޑުކުރުމުން މުދާ ހުސްކުރުމުގައި މިހާރު ހޭދަކުރަންޖެހޭ މުއްދަތު ކުރުވެގެންދާނެ ކަމަށާއި، މިކަމުން މުދަލުގެ އަގަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް ލަފާކުރެއްވޭ ކަމަށް ވިދާޅުވިއެވެ. އަދި ބަނދަރުގައި މިހާރު ހަދަމުންދާ ރެސްޓޯރެންޓް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަންވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.