ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިންމައިފިއެވެ.
ވ. އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުން ފުލުހުންގެ ޚިދުމަތް ފެށީ ވ. ރަކީދޫގައެވެ. މި ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފެލިދެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މީސްމީޑިއާގައި ޙިއްސާކުރި ޕޯސްޓެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރަކީދޫގައި ޕޮލިސް ޑެސްކުގެ ޚިދުމަތް ތަޢާރަފުވެގެން ދިއުމާއެކު، ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމިފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ވ. ރަކީދޫގައި ޕޮލިސް ޑެސްކުގެ ހިދުމަތް މިއަދު ތައާރަފު ވެގެން ދިއުމާއެކު، ވ. އަތޮޅުގެ އެންމެހައި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް މިހާރު ވަނީ ގާއިމުކުރެވިފައި.
— Maldives Police (@PoliceMv) September 20, 2025
މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ހިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް. pic.twitter.com/w8KSSMuPXa
ސަރުކާރުން ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ނިންމުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލުމެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.