ޚަބަރު

ހުރިހައި ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރި 12 ވަނަ އަތޮޅަކަށް ވ. އަތޮޅު


  • މުޅި ރާއްޖެއަށް އޭޓީއެމް ޚިދުމަތް ފުޅާކުރުމަށް ދަނީ މަސައްކަތްކުރަމުން

  • އޭޓީއެމް ޚިދުމަތާއެކު ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބިގެންދޭ

ބޭންކް އޮފް މޯލްޑިވްސް އިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

އަތޮޅުތަކުގެ ރައްޔިތުން ބޭންކިންގެ ޚިދުމަތް ހޯދަން އެ އަތޮޅުގެ ވެރިރަށް ނުވަތަ އެކަމަށް ހާއްސަކުރެވިފައިވާ ރަށަކަށް ދިޔުންވެފައިވަނީ ބޮޑު ތަކުލީފަކަށެވެ. ރައްޔިތުން ދެކެމުންއައި ހުވަފެނަކީ އަމިއްލަ ރަށުގައި ތިބެގެން ބޭންކިންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ދުވަހަކަށެވެ. ރައްޔިތުންގެ މި ތަކުލީފުތަކަށް ލުއި ހޯދައިދެއްވާ އަމިއްލަ ރަށުގައި ހުރެގެން ބޭންކިންގެ ޙިދުމަތް ހޯދާދެއްވާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" ގެ ނަމުގައި މިދިޔަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާއްސަ މަޝްރޫޢެއް ފަށްޓަވާފައެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ 8 ދުވަހުގެ ދަތުރުފުޅު ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިމިވަނީ ފެލިދެއަތޮޅުންނެވެ. އެގޮތުން މިއަދު ރަކީދުއަށް ވަޑައިގެން އެރަށުގައިވަނީ އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާފައެވެ. މިއާއެކު ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ވަނީ އޭޓީއެމް ޚިދުމަތް ޤާއިމްކުރެވިފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ މިއިން ކޮންމެ އޭޓީއެމް އަކީވެސް އެރަށެއްގެ މުޖުތަމައުތައުގެ މާލީ ބައިވެރިވުން އިތުރުކޮށްދީ، ރަށަށް އިތުރު ތަރައްޤީ ގެނެސްދޭ ކަމެއް ކަން ފާހަގަކުރައްވާފައެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން، މިހާރު އަޅުގަނޑުމެންނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވިއްޖެ. މިއިން ކޮންމެ އޭޓީއެމް އަކީވެސް އެރަށެއްގެ މުޖުތަމައުތައުގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް އަދި މިއީ ފަސޭހަ ކަމާއެކު އަސާސީ ބޭންކިންގ ޚިދުމަތަށް ވާސިލްވުމަށް ހުޅުވޭ ދޮރެއް." ޝަރީފް ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައިވާ އަތޮޅުތަކަކީ ވ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، އއ. އަތޮޅު ހއ. އަތޮޅާއި، ހދ އަތޮޅު، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަދި ބ. އަތޮޅެވެ. "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ފ. ފީއަލި އަދި ބިލެތްފަހީގައިވެސް އޭޓީއެމްގެ ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 165 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 225 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތެއް ބީއެމްއެލުންދަނީ ފޯރުކޮށްދެމުންނެވެ.