ޚަބަރު

ޙަޤީޤަތާއި އެއްގޮތަށް ހިޔާލު ފާޅުކުރުމަށް ހުރަހެއް ނޯންނާނެ، ނަމަވެސް ފިތުނަ އުފައްދަން ޖާގައެއް ނުދޭނަން: ރައީސް


  • ދިވެހި މުޖުތަމަޢުގައި ހަމަޖެހުން ޤާއިމުކުރެއްވުމަށް ޚާއްސަ އަހަންމިއްޔަތުކަމެއްދޭކަމަށް ވިދާޅުވި

  • އެކަކު އަނެކަކަށް އިޙުތިރާމުކުރާ އެއްބައިވަންތަ މުޖުތަމަޢެއް ޤާއިމުކުރަންޖެހޭކަމަށް ވިދާޅުވި

ޙަޤީޤަތާއި އެއްގޮތަށް ހިޔާލު ފާޅުކުރުމަށް ރާއްޖޭގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށާއި ނަމަވެސް ފިތުނަ އުފައްދަން ޖާގަ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފެލިދެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފެލިދޫގައި ބޭއްވި ޖަލްސާގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވަމުން ގެންދަވާ އެއް މަސައްކަތްޕުޅަކީ ދިވެހި މުޖުތަމަޢުގައި ހަމަޖެހުން ޤާއިމުކުރެއްވުމުގެ މަސައްކަތް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގައި ހަމަޖެހުން ޤާއިމުކުރެވޭނީ ކޮންމެ މީހަކަށްވެސް އަބުރަކާއި ޢިއްޒަތެއް ލިބިގެންވާކަން ހަނދާންކޮށް އެކަކު އަނެކަކަށް އިޙުތިރާމުކުރާ އެއްބައިވަންތަ މުޖުތަމަޢެއް ޤާއިމުކުރެވިގެން ކަމަށެވެ. އަދި އެގޮތަށް ކޮންމެ ރައްޔިތެއްގެ ޢަމަލުތައް ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ މީހަކަށްވިޔަސް، މީޑިއާގައި މަސައްކަތްކުރާ މީހަކަށްވިޔަސް، ތެދު ބެލުމެއްނެތި ޙަޤީޤަތާ ޚިލާފު ވާހަކަތައް ދައްކާނަމަ، މުޅި ޤައުމުގެ ހަމަޖެހުން ނަގާލެވޭ ކަމަށެވެ. އަދި ޙަޤީޤަތް ބެލުމެއްނެތި ވާހަކަ ފެތުރުމަކީ އިސްލާމު ދީނުގައިވެސް މަނާކުރައްވާފައިވާކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ތެދު ބަހުން ވާހަކަދެއްކުމަށާއި ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ގެނެސްދިނުމުގައި ފުރިހަމަ މިނިވަންކަން ރާއްޖޭގައި އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ފިތުނަ ފަސާދަ އުފެދޭ ގޮތަށް ދޮގު ފެތުރުމަށް އެއްވެސް ވަރަކަށް ޖާގަ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެއްވެސް ހިފެހެއްޓުމެއް ނެތް، ހުރިހާ ކަންމެއް ވެސް ލިޔަންވީ. ދޮގު ވާހަކައެއް ނުލިޔެވޭނެ. ޙަޤީޤަތް ބެލުމެއްނެތި ނުލިޔެވޭނެ. އެއީ ރައްޔިތުން ޤަބޫލުކުރާކަމެއް ނޫން. ހަމަނުޖެހުން އިޢާދަވެގެންދާކަށް ބޭނުމެއް ނޫން. ބޭނުންވަނީ އެއްބައިވަންތަ އިހުތިރާމްކުރާ ޤައުމަކަށްވާން. އެކަން ނަގާލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ހަފްތާގައި ތަސްދީޤުކޮށް، އަމަލުކުރަން ފަށާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުންވެސް ތެދު ބަހުން ލިޔުމަށް ބާރުއަޅާ ކަމަށެވެ. އަދި ހިތަށް އެރި އެއްޗެއް ލިޔުމަކީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫންކަން ރައީސް ތަކުރާރުކުރެއްވިއެވެ.

"މީޑިއާގައި މަސައްކަތްކުރާ މީހުންވެސް ޒިންމާދާރުކަމާއެކީ މަސައްކަތްކުރުމަށް ޤާނޫނު ބާރުއަޅަނީ. ޤާނޫނުގައި އޮތީ އެ ވާހަކަ އެކަނި. ތެދު ބަހުން ބޭނުން އެއްޗެއް ލިޔެވޭނެއޭ. ސާބިތު ނުހިފޭ ވާހަކަތަކެއް ނުލިޔެވޭނެއޭ. ސާބިތު ނުހިފޭ ވާހަކަ ލިޔަން ބޭނުންނަމަ، އެއީ އަދި ކަށަވަރުކުރެވެން ނެތް ވާހަކައެއްކަން ލިޔުމުގައި ބަޔާންކުރަންޖެހޭނެ. އެހެން އެ ޤާނޫނުގައި އޮތީ. ޤާނޫނު ކީ އެއްވެސް ނޫސްވެރިއަކާ ދިމައެއްނުވޭ. އެއްވެސް ތާކުން މިނިވަންކަން އަތުލައިގަންނަ ތަނެއް ނުފެންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީޑިއާގެ ޤާނޫނާ ގުޅިގެންވެސް ތަފާތު ދޮގުތައް ފަތުރަމުންދާ ކަމަށެވެ. އަދި ޤާނޫނުގައި އޮތް އެއްޗެއް ބެލުމެއް ނެތި، މިފަދަ ދޮގުތައް ފެތުރުމަކީ ވަރަށް ނާތަހުޒީބު ޢަމަލުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

"ޙަޤީޤަތް ނުބަލައި ސޯޝަލް މީޑިއާ ބޭންކުރަނީއޭ ކިޔައިގެން ފިތުނަ ފަސާދަ މި އުފައްދަނީ. ފިތުނަ ފަސާދަ އުފެއްދުން އެއީ ނުބައިކަން ބޮޑުވެގެންވާ ކަމެއް. ފިތުނަ ފަސާދަ މި ޤައުމުގައި ފަތުރާކަށް ފުރުޞަތެއް ނުދޭނަން. މިހުރީ މާތް ﷲ ގަންދީ ހުވައެއްކޮށްގެން. އިސްލާމްދީނާ އެއްގޮތަށް މި ޤައުމުގައި ކަންކަންކުރުމަށް. ޤާނޫނުއަސާސީއާ އެއްގޮތަށް ދައުލަތް ހިންގަން އަޅުގަނޑާ ހަވާލުކޮށްފައި މިއޮތީ. އެކަމުގައި އަޅުގަނޑު އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅަން." ރައީސް ވިދާޅުވިއެެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ. އެގޮތުން ސަރުކާރަށް މިވީ މުއްދަތުގައި އެއްވެސް މީހަކަށް ސިޔާސީ ބޭނުމެއްގައި ފިޔަވަޅެއް އެޅިތަން ފެނިފައިނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ކުރުމަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލު ހިފުމުގެ ރޫހުވެސް ނިމުމަކަށް ގެނެސްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.