ކުޅިވަރު

ތިންވަނަ ރަން މެޑަލްއާއެކު އުސެއިން ބޯލްޓް ތާރީޙުގެ ތެރެއަށް


ސަތޭކަ މީޓަރު ދުވުމުގެ ތިންވަނަ ރަން މެޑަލްއާއެކު އުސެއިން ބޯލްޓް ތާރީޙުގެ ތެރެއަށް ވަދެއްޖެއެވެ.

 ބްރެޒިލްގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ބޯލްޓް ހޯދީ އެމެރިކާގެ ޖަސްޓިންގ ގެޓްލިން ގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ އޮލިމްޕިކްގެ ތާރީޙުގައި 100 މީޓަރު ދުވުމުން އެތްލީޓަކު ވިދިވިދިގެން ތިން މުބާރާތުގައި ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. 29 އަހަރުގެ ބޯލްޓް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ 9.81 ސުކުންތުން ފައިނަލް ހީޓް ނިންމައިގެންވެ. 

img:http://s4.psmnews.mv/images/660x400/14712617531957.jpg|ޖެމެއިކާގެ ބޯލްޓް ފައިނަލް ހީޓުގައި ދުވަނީ

ބޯލްޓް ވަނީ މީގެ ކުރިން 2008 ވަނަ އަހަރު ބެއިޖިންގައި ކުރިއަށްދިޔަ އޮލިމްޕިކް މުބާރާތާ 2012 ވަނަ އަހަރު ލަންޑަންގައި ކުރިއަށްދިޔަ އޮލިމްޕިކް މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. 

މީގެ އިތުރުން 17 އަހަރު ވަންދެން އޮތް 400 މީޓަރު ދުވުމުގެ ރެކޯޑް ސައުތް އެފްރިކާގެ ވެން ނިއަކާރކް ވަނީ މުގުރާލާފައެވެ. 24 އަހަރުގެ ނިއަކާރކް މި ރެކޯޑް މުގުރާލާފައިވަނީ 43.03 ސުކުންތުން ރޭސް ނިންމައިގެންނެވެ. އެއީ މީގެ ކުރިން 1999 ވަނަ އަހަރު މި ރެކޯޑް ހަދާފައިވާ ޖޯންސަން ރޭސް ނިންމާފައިވާ ވަރަށްވުރެ ސުމެއް ޕޮއިންޓް އެކެއް ފަހެއް ސުކުންތު އަވަހަށެވެ.