ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ދެ ބިލެއް ތަސްދީޤުކުރައްވައިފި


ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ބިމާއި ބެހޭ ޤާނޫނަށް 7 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޞްދީޤު ކުރައްވައިފިއެވެ‏. 

މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާހު ގެނައުމުގެ ބިލަކީ މިމަހުގެ 2 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ ސަބަބުން، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ ދަށުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ސެކުއިރިޓީޒް މާކެޓް ތަރައްޤީކޮށް، ކޮންވެންޝަނަލް އަދި އިސްލާމިކް ފައިނޭންސްގެ އެކި ބާވަތުގެ ޕްރޮޑަކްޓްތައް ދިވެހިރާއްޖޭގެ މާކެޓަށް ތަޢާރުފުކޮށް، ގިނަ ވިޔަފާރިތަކަކަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަންޑު ހޯދުމަށް މަގުފަހިކޮށްދެއެވެ. އަދި މީގެ ތެރޭގައި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއްގައި ޤާއިމުކުރެވޭ ޒަމާނީ ޚިދުމަތްތައް ތަޢާރުފުކޮށް، ތަންފީޛުކުރުމަށް މަގުފަހިކޮށްދެއެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މިމަހުގެ 8 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށް ފާސްކުރެއްވި ޤާނޫނެކެވެ. މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ވިއްކާ ޙާލަތުގައި، އެ ފްލެޓަކީ އެތަން ގަންނަ މީހާ ގަންނަ އެފަދަ ފުރަތަމަ ފްލެޓް ކަމުގައިވާ ޙާލަތުގައި، އެ ޤާނޫނުގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުން އިސްތިސްނާވާނެއެވެ.

މި ދެ ބިލުވެސް ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.