ޚަބަރު

"އިންޑިޔާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުން މުހިންމު"


ދިވެހިރާއްޖެއާއި އިންޑިއާގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ކުރިއެރުވުމުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް އެބައޮތްކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއަން ހައިކޮމިޝަނަރ އާކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ އިންޑިއާގެ 70 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހައިކޮމިޝަނަރ އާކިލޭޝް މިޝްރާ ވިދާޅުވީ، އިންޑިޔާގެ މިނިވަންދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މިނިވަންކަން ދިފާޢުކޮށް ޤައުމުގެ ކަންކަން ތަރައްޤީކުރުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅޭ އެޤަމުގެ ރައްޔިތުންގެވެސް ޒިންމާތަކެއް އެބަހުރިކަމަށެވެ. އެގޮތުން އަވައްޓެރި ޤައުމުތަކާއި، ޚާއްޞަކޮށް ރާއްޖެފަދަ ޒަމާންވީ، ގާތް ޤައުމަކާއެކު އޮންނަ އެކުވެރި ގާތްގުޅުން ބަދަހިކުރުމަކީ، ކުރެވިދާނެ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިޝްރާ ވިދާޅުވީ، ދިވެހިރާއްޖެއަކީ، އިންޑިއާގެ ޒަމާންވީ، ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ، މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރާ ދެ ޤައުމަކަށްވުމުން އެގުޅުން އިތުރަށް ބަދަހިކުރުން މުހިންމުކަމަށެވެ.

އާކިލޭޝް މިޝްރާ ވިދާޅުވީ، ދޭދޭ ގުޅުން ބަދަހިކުރުމަށް ހައިކޮމިޝަނުން ކުރައްވާ މަސަކަތްތަކުގައި އެއްބާރުލުންދީ، އިތުރު ޚިޔާލުތައް ދިނުމުގެ ފުރުޞަތު ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ކޮންމެ ރައްޔިތަކަށްވެސް އެބައޮތްކަމަށެވެ. އަދި އެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުން އިތުރު މަސަކަތްތަކެއް ފަށްޓަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

އިންޑިއާގެ މިނިވަންދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އިންޑިއަން ހައިކޮމިޝަނުގައި ޙަރަކާތްތަކެއް ކުރިއަށް ގެންދަވާއިރު، މިއަދު ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައިވެސް މާލޭގައި އެކި ދާއިރާތަކުގައި މަސަކަތްކުރާ އިންޑިއާގެ ޚިދުމަތްތެރިން ބައިވެރިވެފައިވެއެވެ.