ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ސްޕެއިންގެ ފޯވާޑަކާއެކު ބިދޭސީ ދެ ޑިފެންޑަރުން ވެލެންސިއާއަށް ގެނެސްފިއެވެ.
މި ތިން ކުޅުންތެރިންނާއެކު މާދަމާ ސީޒަނުގެ ފުރަތަމަ މެޗަށް ނުކުންނަ ވެލެންސިއާ ޓީމުގައި ބިދޭސީ ހަތަރު ކުޅުންތެރިން ތިބޭނެ އެވެ. އެއީ މޯލްޑޯވާގެ ކީޕަރަކާއެކުގަ އެވެ.
ވެލެންސިއާ އަށް ގެނައި ސްޕޭނު ފޯވަޑަކީ އަބޫބަކުރު ބޫބާ ސިއްލާ އެވެ. އުމުރުން 27 އަހަރުގެ ފޯވަޑް އެންމެ ފަހުން ކުޅުނީ ސްޕޭނުގެ ދެ ވަނަ ޑިވިޝަނުގަ އެވެ. އޭނާ ވަނީ މީގެ ކުރިން ސްޕޭނާއި އިޓަލީ އަދި މެކްސިކޯ ލީގުގައި ވެސް ކުޅެފަ އެވެ.
އިސްމާއީލް އާސިފް (ކުޑަހީނާ)ގެ ބެލުމުގެ ދަށުން ތައްޔާރުވާ ވެލެންސިއާ ޓީމަށް ގެނައި ބިދޭސީ ދެ ޑިފެންޑަރުންގެ ތެރެއިން އެއް ކުޅުންތެރިއަކީ މިސުރުގެ މޫސަ ބަސެލް އެވެ. އޭނާ އަކީ ހުސްވި ސީޒަނުގައި ލެގޫންސް ސްޕޯޓްސް ކުލަބަށް ކުޅުނު ޑިފެންޑަރެކެވެ. ދެން ގެނެސްފައިވަނީ ކިރިގިސްތާނުގެ ޑިފެންޑަރު ޑަވްރޮން އެވެ.
މި ކުޅުންތެރިންނާއެކު ވެލެންސިއާ ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިންނެވެ.
މި ސީޒަނުގައި ވެލެންސިއާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ހޮނިހިރު ދުވަހު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
ވެލެންސިއާއިން ފާއިތުވެދިޔަ ދޮޅު އަހަރު ތެރޭގައި އެންމެ ބޮޑަށް މަސައްކަތް ކުރީ 2022 ވަނަ އަހަރުން ފެށިގެން އެ ކުލަބަށް ފީފާއިން ކޮށްފައިވާ ޓްރާންސްފާ ބޭން ފިލުވުމުގަ އެވެ. މި ގޮތުން ބިދޭސީ ކުޅުންތެރިންނާއި ފީފާ އޭއެފްސީގެ ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ހަރަދުކޮށް ވެލެންސިއާއިން ވަނީ ކުޅުންތެރިން ރަޖިސްޓަރ ކުރެވޭނެ ގޮތް ހަދައިފަ އެވެ.
ވެލެންސިއާ އަށް ފީފާއިން ޓްރާންސްފާ ބޭން ކުރީ 2022 ވަނަ އަހަރު އެ ކުލަބަށް ކުޅުނު ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުންނެވެ.