ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މެލޭޝިޔާއަށް ވަޑައިގެންފި


"ބްލޫ އޯޝަން ސްޓްރެޓެޖީ"ގެ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިޔާގެ ސަރުކާރުން ދެއްވި ދައުވަތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު، މިއަދު މެލޭޝިޔާއަށް ވަޑައިގެންފިއެވެ. 

އެމަނިކުފާނު ކުއަލަލަމްޕުރް އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ދެންނެވީ މެލޭޝިޔާގެ މިނިސްޓަރ އޮފް ހިޔުމަން ރިސޯސަސް، ވައި.ބީ. ދާތޯ ސްރީ ރިޗަޑް ރިއޮތް އަނަކް ޖައެމާއި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު މުޙަންމަދު ފަހުމީ ޙަސަނެވެ.

img:http://s4.psmnews.mv/images/660x400/14712587332660.jpg|ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މެލޭޝިޔާގައި / ފޮޓޯ: ރައީސް އޮފީސް

އަމިއްލަ އުފެއްދުންތެރިކަމާއި އީޖާދުގެ ތެރެއިން ޤައުމު ބަދަލުކޮށްލުމުގެ ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ކޮންފަރެންސް ބޭވުމަށް ހަމަޖެހިފައިވަނީ މި އޮގަސްޓު މަހުގެ 16 އިން 18 އަށް މެލޭޝިޔާގެ ޕުތްރަޖަޔާ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާން ރާއްޖެއިން ބޭރަށްކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.