މިއަހަރުގެ ހެލްތު އެކްސްޕޯ އަންނަ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޞިއްޙީ ވުޒާރާއިން ވަނީ މި އެކްސްޕޯ އިންތިޒާމުކޮށްދޭނެ ބަޔަކު ހޯދަން މިހާރު އިޢުލާންކޮށްފައެވެ.
ހެލްތު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ. މިއީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި ޞިއްޙީ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކާއި ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި އެކްސްޕޯގައި 50 ސްޓޯލާއި ކާބޯތަކެތި ވިއްކާ 10 ސްޓޯލް ހުންނާނެކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. އަދި ލަކީޑްރޯ ހޮވުމާއި ސްޓޭޖް ޝޯއެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުވެސް ހެލްތު އެކްސްޕޯ ބާއްވާފައިވެއެވެ. މިދިޔަ އަހަރުގެ އެކްސްޕޯގައި ޞިއްޙީ ވުޒާރާގެ އިތުރުން ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްދޭ އެހެނިހެން ތަންތަނާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކާއެކު 50 އަށްވުރެ ގިނަ ސްޓޯލް ހުއްޓެވެ.