ޚަބަރު

ތިނަދޫގައި މީހުން އާބާދުވުން ފާހަގަކުރުން ޑިސެމްބަރަށް ފަސްކޮށްފި


ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ އިޙްތިފާލްތައް އަންނަ ޑިސެންބަރުމަހަށް ފަސްކުރައްވައިފިއެވެ.

މިކަމާގުޅޭ ގޮތުން ޕީ.އެސް.އެމް އަށް މަޢުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރުގެ ނާއިބު އަޙްމަދު ސަލީމު ވިދާޅުވީ، ތިނަދޫގައި އާބާދުވިތާ 50 އަހަރުފުރޭ އޮގަސްޓް 22 ވަނަދުވަހު އެކަން ފާހަގަކުރއްވުމުގެ ތައްޔާރީތައް ކުރައްވަމުން ގެންދެވިނަމަވެސް، އެކަން ސަރުކާރުން ލަސްކުރައްވާފައި މިވަނީ، ތިނަދުއަކީ، ސަރުކާރުން އެރަށުގެ ތަރައްޤީއަށްޓަކައި ވަރަށްގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާ ރަށަކަށްވެފައި، މިފަދަ ދުވަހެއް ފާހަގަކުރާއިރު، އެމަޝްރޫޢުތައް އެއްކޮށް ނިންމާލެވިފައި ނުވާތީ، އެހާ ބޮޑު ޙަރަކާތެއް ކުރިއަށް ގެންދެވުމަށް ދަތިތަކާ ކުރިމާތިވާކަމަށެވެ. އަދި ތިނަދޫ ކައުންސިލާއިވެސް ގުޅިވަޑައިގެން ސަރުކާރުން ބޭނުންވަނީ އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މީގެ ކުރީން، ތިނަދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުންވެސް ފާހަގަކުރެވުނީ، ޑިސެމްބަރު މަހެއްގައި ކަމަށާއި، އެފަހަރުވެސް އެގޮތަށް ނިންމެވީ، ޑިސެމްބަރު މަހަކީ، ރަށުން ބޭރުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ބަޔަކު، ރަށަށް ގޮސް، އެ ޙަރަކާތްތަކުގައި ބައިވެރި ވެވޭނެ މަހަކަށްވުމުން ކަމަށެވެ. އެހެންކަމުން މިފަހަރުވެސް ސަރުކާރުގެ ވިސްނެވުން ހުރީ، ގިނަ ބަޔަކު އެ އުފަލުގައި ބައިވެރިވެވޭނެ ގޮތަކަށް ހެއްދެވުމަށްކަމަށް ސަލީމް ވިދާޅުވިއެވެ.