ކުޅުދުއްފުށި ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނައިރު، މި މުބާރާތަކީ ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ބޭއްވޭ އެންމ ފެންވަރު ރަނގަޅު އެއް މުބާރާތް ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.
މި މުބާރާތަކީ މުޅިން އަލަށް ރާއްޖޭގައި ބާއްވާ މުބާރާތެކެވެ. ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް އޮންނާނީ މި މަހުގެ 18 އިން 22 އަށް ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.
މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މުޖުތަބާ ވިދާޅުވީ މި މުބާރާތަށް ކުޅުދުއްފުށި ސިޓީ އެންމެ ފުރިހަމައަށް ތައްޔާރުވެފައއިވާ ކަމަށެވެ. އަދި މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާއެކު ފެނިގެންދަނީ ކުޅުދުއްފުށީ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށާއި، އަދި ޚާއްސަކޮށް މުއައްސަސާތަކެއް ގުޅިގެން ކުރާ މަސައްކަތުން ރީތި ނަމޫނާއެއް ދައްކުވައިދޭ ކަމަށްވެސް ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ ދެކުނު އޭޝިއާ ސަރަހައްދުގައިވެސް މި ފެންވަރުގެ މުބާރާތެއް ބޭއްވިގެން ނުދާ ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައި މި މުބާރާތް ބޭއްވުމަކީ މީގެ ކުރިންވެސް ދެކުނު ހުވަފެނެއް ކަމަށާއި، ރާއްޖެއަށް ކުޅިވަރުތައް ބަހާލައިގެން ކުރިއަށްދިޔުމަށް ނިންމާފައިވާއިރު، ކުޅުދުއްފުޓައް ބީޗް ހޭންޑްބޯޅަ ޚާއްސަކުރެވިގެންދިޔައީ އެގޮތުން ކަމަށްވެސް ވިދާޅުވިއެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.