ކުޅިވަރު

އަހަރެން މަރެއް ނުވޭ، ހާލު ރަނގަޅު: އަބިދާލް


ބާސެލޯނާ އާއި ފްރާންސްގެ ކުރީގެ މިޑްފީލްޑަރު އެރިކް އަބިދާލް މަރުވެއްޖެ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދިޔަ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ސްޕެއިނުގެ ބައެއް މީޑިޔާތަކުން ހުސްވި ހަފުތާގައި ބުނެފައިވަނީ 46 އަހަރުގެ ކުރީގެ ކުޅުންތެރިޔާ މަރުވެއްޖެ ކަމަށެވެ. އަދި އޭނާ މަރުވީ ދެ ވަނަ ފަހަރަށް ލިވަރ ބަދަލު ކުރަން ޖެހި އެކަން ކާމިޔާބު ނުވުމުން ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މިކަމާ ބެހެ ގޮތުން ވާހަކަ ދައްކަމުން އަބިދާލް ބުނީ އޭނާ މަރުނުވާ ކަމަށާއި ހާލު ވެސް ރަނގަޅު ކަމަށެވެ.

"ދޮގު ވާހަކަތައް އަހަރެންނަކަށް ނުހުއްޓުވޭނެ. އެކަމަކު އަހަރެންގެ ހާލު ރަނގަޅު. އަހަރެން މި ހުރީ އަހަރެންގެ އާއިލާއެކު. ހުރިހާ ކަމެއް ވެސް ބަރާބަރު،" އަބިދާލް ބުންޏެވެ.

އަބިދާލް ވަނީ 2012 ވަނަ އަހަރު ލިވަރ ޓްރާންސްޕްލާންޓް ކޮށްފަ އެވެ. އޭނާގެ މެޔަށް ކެންސަރު ޖެހުމުން އެކަމުން އަރައި ގަތުމަށް ކުރި އޮޕަރޭޝަންތަކަށް ފަހު އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ވެސް ފަހުން ކުޅެނެވެ. އަދި ބާސެލޯނާއިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުން ކެޕްޓަން ކާލޮސް ޕުޔޯލް ތަށި އުފުލާލަން ދިނީ ވެސް އަބިދާލް އަށެވެ. އެއީ އޭނާގެ އެނބުރި އައުމުގެ އުފާފާޅު ކުރުމުގެ ގޮތުންނެވެ.

އަބިދާލް އަކީ ފްރާންސްގެ ގައުމީ ޓީމަށް 67 މެޗު ކުޅެދީފަ އެވެ. އަދި ބާސެލޯނާ އަށް 2007 އިން 2013 އަށް ކުޅެ 125 މެޗު ވަނީ ކުޅެދީފަ އެވެ. އޭނާ އަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅުނު ފްރާންސް ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.