ކުޅުދުއްފުށީގައި ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަކަމަށާއި، މިރެއިން ފެށިގެން ޓީމުތައް މާލެ އަންނަން ފަށާނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.
މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މުޖުތަބާ ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާ ޕާކިސްތާނުގެ ޓީމު ރާއްޖޭގައި ކޭމްޕްކުރުން އައިސްފައިވާކަމަށެވެ. އަދި މިރޭ ހދ. ހަނިމާދޫ މަގުން އިންޑިއާ ޓީމު ރާއްޖެ އަންނާނެ ކަމަށާއި، މާދަމާ ސްރީލަންކާ އާއި ސައުތު އެފްރިކާ އަދި ބަނގްލަދޭޝްގެ ޓީމުވެސް ރާއްޖެ އަންނާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
މި މުބާރާތަށް ކުޅުދުއްފުށި ސިޓީ ތައްޔާރުވަމުން އަންނައިރު މިހާރު ކުރިޔަށްދަނީ ސިޑިބަރި އެތުރުމުގެ މަސައްކަތްކަމަށް މުޖުތަބާ ވިދާޅުވިއެވެ. އަދި ކޯޓުތަކުގެ ކުރަންޖެހޭ އެންމެހާ ކަންކަން ނިންމުމާއި ޓީމުތަކުގެ އެރައިވަލްއަށް ރަށް ތައްޔާރުކުރުމުގައި ކުޅުދުއްފުށީގެ ރައްޔިތުން ވަރަށް އަވަދިނެތި މަސައްކަތްކުރަމުން އަންނަ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.
ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތަކީ މުޅިން އަލަށް ރާއްޖޭގައި ބާއްވާ މުބާރާތެކެވެ. ކޮމަންވެލްތް ގައުމުތަކަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތް އޮންނާނީ ސެޕްޓެމްބަރު 18-22 އަށް ހދ. ކުޅުދުއްފުށީ ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގްވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުތަކުގައެވެ.
ރާއްޖޭގައި މި މުބާރާތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމަށް ކުޅިވަރު ވުޒާރާއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މި މުބާރާތުގެ ސްޕޮންސަރުންނާއި ޕާޓްނަރުން އަންނަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެއެވެ. އެގޮތުން ބީޗް ހޭންޑްބޯޅަ ކޯޓުތައް ތައްޔާރުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެންނެވެ. ސެޕްޓެމްބަރު 18 ގައި ކުޅުދުއްފުށި ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ މިޑިއާ ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.
މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ބީޗް ހޭންޑްބޯޅަ މުބާރާތެވެ.
މި މުބާރާތަށް ކުޅުދުއްފުށި ސިޓީ ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު ހޭންޑްބޯލް މޯލްޑިވްސްއިން އަންނަނީ މުބާރާތް އޮމާންކަމާއެކު ކުރިޔަށް ގެންދިއުމަށް އޮލިމްޕިކް ކޮމިޓީއާއި ކުޅިވަރު ވުޒާރާގެ އެހީތެރިކަން ހޯދަމުންނެވެ.
ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިލޯ، ކުޅިވަރު ވުޒާރާ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލެވެ.
ރާއްޖޭގައި ބައިނަލްއަގްވާމީ މިފަދަ މުބާރާތެއް ބޭއްވުމަކީ ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދިއުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.