ސިއްހަތު

ބައިނަލް އަޤްވާމީ ޞިއްޙީ ޤަވާއިދުގައިވާ ކަންކަން ޙާޞިލް ކުރެވޭ


ބައިނަލްއަޤްވާމީ ޞިއްޙީ ޤަވާއިދުތައް (2015)  ތަންފީޒްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އަދިވެސް އެ ޤަވާއިދުގައިވާ ކަންކަން ޙާޞިލު ކުރެއްވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދު ﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ބޭއްވި ބައިނަލްއަޤްވާމީ ޞިއްޙީ ޤަވާއިދުތައް ތަންފީޒް ކުރެއްވުމަށްޓަކައި، އެކުލަވާލާފައިވާ ޤައުމީ ކޮމިޓީގެ ބައްދަލުވުމުގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބައިނަލްއަޤްވާމީ ޞިއްޙީ ޤަވާއިދަކީ، ބައިނަލްއަޤްވާމީ ދަތުރުފަތުރާއި ވިޔަފާރިއަށް ހުރަސް ނޭޅޭނެ ގޮތެއްގެ މަތިން، އަދި ޢާއްމު ޞިއްޙަތަށް ނުރައްކާނުވާނެ ގޮތެއްގެ މަތިން ބައިނަލްއަޤްވާމީ ގޮތުން ބަލި ފެތުރުން ހުއްޓުވުމާއި، ރައްކާތެރި އަދި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.މި ޤަވާއިދު ފާސްކޮށް މިއަށް ޢަމަލުކުރަން ނިންމީ، 2005 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ 58 ވަނަ ޢާއްމު ބައްދަލުވުމުގައެވެ. 

ބައިނަލް އަޤްވާމީ ޞިއްޙީ ޤަވާއިދުތައް ނުވަތަ އައި.އެޗް.އާރް (2005) ގެ ދަށުން, ޚާއްޞަ ބައްޔަކަށް ނުވަތަ ޙާލަތަކަށް މަޙުދޫދުވެފައިވުމުގެ ބަދަލުގައި، އިންސާނުންނަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ޞިއްޙީ ޙާލަތެއްގައި، އެޙާލަތު އުފަންވީ ކޮންމެ ސަަބަބަކާހުރެ ކަމުގައިވީނަމަވެސް،އެކަން ޙާޞިލްވާ މިންވަރު ފުޅާ ދާއިރާއެއްގައި ހިމަނާފައި އޮތުމާއި،ބައިވެރި ދައުލަތްތަކުން ޢާއްމުން ޞިއްޙަތުގެ މިންގަނޑުތައް ވަކި މިންވަރަކަށް ތަރައްޤީކުރުން ހިމެނެއެވެ.

މި ޤަވާއިދުގެ ބައިވެރި ދައުލަތެއްގެ ޙައިޞިއްޔަތުން ، މިހާރު ނަގަމުންދާ ޒިންމާތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ފަދަ ޢާއްމު ޞިއްޙަތަށް ނުރައްކާވާ ޙާދިސާތައް، ކަނޑައެޅިފައިވާ ވަކި އުޞޫލެއްގެ ދަށުން ހެލްތު މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް އެންގުންވެސް ހިމެނެއެވެ. ހަމަ އެއާއެކު، ޢާއްމު ޞިއްޙަތާގުޅޭ ނުރަސްމީ ރިޕޯޓްތައް ރިޢާޔަތްކުރުމާއި،އެފަދަ ޙާދިސާތަކުގެ މަޢްލޫމާތުތައް ތެދުކަން ކަށަވަރުކުރުމާއި، ޢާއްމު ރައްޔިތުންނާއި ދަތުރުވެރިންގެ އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުން ހިމެނެއެވެ. މީގެ ދަށުން ބައިނަލްއަޤްވާމީ ދަތުރުފަތުރުތަކާ ގުޅޭގޮތުން ބޭނުންވާ ޞިއްޙީ ހުއްދަތަކާއި، އެހުއްދަތަކާއި ގުޅޭ ސެޓިފިކެޓުތަކާއި، ބައިނަލްއަޤްވާމީ ކަނޑާއި ވައިގެ ބަނދަރުތަކާއި، އެއްގަމުމަގުން ހުރަސްކުރާ ޞަރަޙައްދުތަކުގައި ފުރިހަމަވާންޖެހޭ ކަންކަމަށް ބަދަލުގެނައުމާއި، އިޞްލާޙް ގެނައުމާގުޅޭ މާއްދާތަކަށްވެސް މިޤަވާއިދުގެ ތެރެއިން ބާރު ދެމުން ގެންދެވޭނެއެވެ. 



މެމްބަރު ޤައުމެއްގެ ޙައިސިއްޔަތުން ރާއްޖެއިން ބައިނަލްއަޤްވާމީ ޞިއްޙީ ޤަވާއިދުތައް (2015) ތަންފީޒްކޮށް ވިލަރެސް ކުރުމަށްޓަކައި "އައި.އެޗް.އާރް 2005 ނެޝަނަލް ކޮމިޓީގެ ނަމުގައި" ވަނީ ޤައުމީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. މި ކޮމިޓީގެ މަޤްޞަދަކީ، ދުނިޔެއަށް ކުރިމަތިވެދާނެ ނުވަތަ ފެތުރިދާނެ ބަލިމަޑުކަމެއް ދިމާވުމުގެ ކުރިން އެފަދަ ކަންކަން ހުއްޓުވުމާއި، އެފަދަ ނުރައްކާތެރި ޙާލަތެއް އަތުވެދާނެކަމަށް ދުރާލާ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ،އެފަދަ ޙާލަތްތަކުން އަރައިގަތުމަށް ބޭނުންވާ އިންތިޒާމްތަކާާ ބަލި ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމާއެކު، ފަރުވާކުރެވޭނެ ގޮތްތައް ހޯދާ ކަނޑައެޅުމެވެ. މި ކޮމިޓީގެ ބެއްލެވުމުގެ ދަށުން ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ( އެޗް.ޕީ.އޭ) ވިދާޅުވެއެވެ. އެގޮތުން ރާއްޖޭގައި،މިޤަވާއިދުތަކުގެ މައިގަނޑު މަޤްޞަދުތައް ޙަރަކާތްތެރި ކުރުވުމަށް ބޭނުންވާ މުހިންމު ކަންކަން ޙާޞިލްކުރެވިފައިވުވުމުގެ އިތުުރުން، ޤާއިމްކުރެވިފައިވާ ނިޒާމުތަކުގެ ތެރެއިން  ބަައިނަލް އަޤުވާމީ މުޖުތަމަޢުގެ ނަޒަރުގައި މުހިންމު އަދި ޙައްސާސް ކަންކަމާމެދު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަގުތުން ހިންގުމާއެކު،ކުރިޔަށް ގެންދަންޖެހޭ ވިލަރެސް ކުުރުމަށް ބޭނުންވާ މޮނިޓަރިންގް އެންޑް ރިޕޯޓިންގް އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ. އަދި ބައިނަލް އަޤްވާމީ މުޖުތަމަޢުގެ ތެެރެއިން އަތުވެދާނެ ނުރައްކާތެރި ޙާލަތެއް ދިވެހިރާއްޖެއަށް އެތެރެވުމަށް ފުރުޞަތު އޮވެދާނޭ ދޮރާށިތަކުގެ ޞިއްޙީ ރައްކާތެރިކަމުގެ އިންތިޒާމްތައް ހަރުދަނާކުރުމަށް "ޕޮއިންޓްސް އޮފް އެންޓްރީ" އާއި ގުޅޭ ޤާބިލްކަން އިތުރު ކުރެވިފައިވާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. 



މީގެ އިތުރުންވެސް ދިވެހިރާއްޖޭގައި މަރުކަޒީ އަދި ޞަރަޙައްދީ ފެންވަރެއްގައި ސަވައިލެންސްގެ ކަންކަން ހަރުދަނާކުރުމުގެ ތެރެއިން ޔެލޯ ފީވަރ ،މެލޭރިއާ،އެބޯލާ އަދި މާސް ކޮރޯނާ ވައިރަސް ފަދަ ބަލިތަކަށް ޚާއްޞަ އުޞޫލުތަކެއް ކަނޑައެޅިފައިވެއެވެ. އަދި ބައިނަލް އަޤްވާމީ ދަތުރުތަކުގައި އޮަޕަރޭޓްކުރާ ފްލައިޓުތަކުގެ ޞިއްހީ މިންގަނޑުތަކާއި އިންސެކްޓިސައިޑް ސްޕްރޭކުުރުމާއި އަދި ބޭރު ދަތުުރުތަކުގައި ބޭނުންކުރާ އުޅނަދުފަހަރުގެ ދަތުރުވެރިންނާ ކާބޯތަކެތި އުފުލާ އުޅަނދުފަހަރާއި ބަނދަރުތަކުގެ ރައްކާތެރިކަން ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން އިންތިޒާމް ކުރެވި ހަލުވި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަމުގެ ބޮޑު މިންވަރެއް ޙާޞިލު ކުރެވިފައިވާކަމަށް އެޗް.ޕީއޭއިން  ވިދާޅުވެފައިވެއެވެ. "އައި.އެޗް.އާރް 2005 ނެޝަނަލް ކޮމިޓީގެ" ގެ މިއަހަރުގެ ބައްދަލުވުމުގައި، ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި، މުއައްސަސާތަކާއި، ތަންފީޒީ އިދާރާތަކާއި ހޮސްޕިޓަލްތައް ހިމެނޭގޮތަށް ޖުމްލަ 20 އިދާރާއެއް މިކޮމިޓީގައި ތަމްސީލް ކުރެއެވެ. އައި.އެޗް.އާރް 2005 ޤައުމީ ކޮމިޓީގެ ބައްދަލުވުމުގައި، ގައިން ގަޔަށް އަރާ ބަލިތަކާއި، ދުނިޔޭގައި މިހާރު މިބަލިތަކުގެ ޙާލަތްތަކާއި، އެކަމެއްގެ ސަބަބުން ޢާއްމު ޞިއްޙަތަށް ނުރައްކާވެދާނޭ ކަންކަމާއި ގުޅޭ ގޮތުން ހެދިފައިވާ އުޞޫލްތަކާއިބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ހެލްތު މިނިސްޓަރ އަބްދު ﷲ ނާޒިމް އިބްރާހީމެވެ. އެމަނިކުފާނުގެ އިފްތިތާޙީ ބަޔާނުގައި، މަދިރީގެ ޒަރީޢާއިން ޖެހޭ ބަލިތައް ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވުމުގެ ފުރުޞަތު އޮތުމާއެކު، މިފަދަ ބަލިތަކުން ރައްކާތެރިވެ، ބަލިތައް ކޮންޓްރޯލް ކުރުމަށް، ރަނގަޅު ފެންވަރެއްގައި، ބައިނަލް އަޤްވާމީ އުޞޫލްތަކެއްގެ މައްޗަށް ބިނާކޮށް ޤާއިމްކޮށްފައިވާ ނިޒާމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ހަމައެއާއެކު ބައިނަލްއަޤްވާމީ ޞިއްޙީ ޤަވާއިދު ތަންފީޒްކުރުމަށް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވާ، އަދި ހަރުދަނާ ކުރަންޖެހޭ ކަންކަމުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖެއަށް ފަސިންޖަރުން އެތެރެވާ ދޮރާށިތަކުގެ އިންތިޒާމްތަކާއި ޞިއްޙީ ގޮތުން ހޯދިފައިވާ ކާމިޔާބީ ފާހަގަ ކުރެއްވިއެވެ.



" ކޮންމެ ޤައުމެއްގައިވެސް ކަނޑުގެ ނުވަތަ ވައިގެ ބަނދަރަކީ، އެޤައުމަށް އެތެރެވާ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ހުރަސްކުރާ އޮޅިގަނޑުކަމަށްވާތީ، ޞިއްހީ ނުރައްކާވެސް ޤައުމުތަކަށް އެތެރެވާ ހިސާބަކީވެސް އެކަމަށްވާތީ ރާއްޖޭގެ ބަނދަރުތައް އައި.އެޗް.އާރް އުޞޫލްތަކުގައިވާ ފެންވަރަށް ތަރައްޤީކުރުމަށް މަސައްކަތް ފެށިގެން ކުރިޔަށް އެބަދޭ.އަދި ގައިން ގަޔަށް އަރާ ބަލިތައް ފެތުރޭ މިންވަރު ބެލުމުގައި ސަވައިލެންސް ނިޒާމުވެސް އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކުރުމަކީ އައި.އެޗް.އާރުގެ ކޯ ކެޕޭސިޓީތަކުގެ ތެރެއިން ހިމެނޭ ކަމެއް.މިދެންނެވި ކަންކަން ޙާޞިލުކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގިނަ ގުނަ މަސައްކަތްތައް މިހާރުވަނީ ފެށިފައި. އައި.އެޗް.އާރުގެ އެއް ކޯ ކެޕޭސިޓީކަމުގައިވާ ޕޮއިންޓްސް އޮފް އެންޓްރީތަކާގުޅޭ ދާއިރާގެ ޤާބިލްކަން އިތުުރުކުރުމަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ހޯދުމާއި،ބަލީގެ ޢަލާމާތްތައްހުރި ނުވަތަ ބައްޔަަށް ޝައްކުކުރެވޭ ފަސިންޖަރުންނާއި ފަޅުވެރިން އެކަހެރިކުރެވޭނޭ އިންތިޒާމުތަކާ،ބަނދަރުތަކުގެ ޞިއްޙީ ޙަރަކާތްތެރިކަން ކަށަވަރުކުރުމުގެ ޤަވާއިދު ވުޖޫދަށް ގެނަައުމަށް ކުރެވެމުން އަންނަ މަސައްކަތް ފާހަގަކޮށްލަން. ބަލިބައްޔަށް ތަޙްލީލު ކުރުމަށް އެކަށޭނެ ފެންވަރުގެ ލެބޯޓްރީއެއްގެ ރޯލު ބޭނުންތެރިކަން މުހިންމުވާތީ ،ދިވެހި ރާއްޖޭގައި މިވަގުތު ހުރި ލެބޯޓްރީތަކުގެ ފެންވަރި މަތިކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އަދި ހަމައެއާއެކު ގައިންގަޔަށް އަރާ ބަލީގެ އަސަރު ހުރިކަމަށް ޝައްކުކުރެވޭ މީހުންގެ ފަރުވާއަށާއި އިތުުރު މީހަކަށް ބަލި ފެތުރުނަ ނުދިނަުމަށްޓަކާ އެކަމަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިޔަށް އެބަދޭ. އިރާދަ ކުރެއްވިއްޔާ މިއަދުގެ މިއިފްތިތާޙް ކުރެވުނު ކޮމެޓީގެ ބެލުމުގެ ދަށުން އައި.އެޗް.އާރުގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ ކުރިޔަށްދާނެ." ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އައި.އެޗްއާރް (2015) ނެޝަނަލް ކޮމިޓީގެ އިފްތިތާޙީ ބަޔާނުގައި ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ މި ކޮމިޓީގެ ބެލުމުގެ ދަށުން އައި.އެޗް.އާރުގެ ލަނޑު ދަނޑިތައް ޙާޞިލްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާގޮތެއްގައި ކުރިޔަށްދާނޭ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށާއި ނިންމޭ ނިންމުންތައް ޤައުމީ ފެންވަރެއްގައި ތަންފީޒްކުރެވޭނޭ ގޮތަށް ކަންކަން ހަމަޖެއްސެވުމަށްޓަކައި، ސޯޝަލް ކައުންސިލަށް ހުށައަޅުއްވާނެ ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އައި.އެޗް.އާރް ކޮމިޓީގެ އިންތަކާއި މަސައްކަތްތައް ކަނޑައަޅުއްވާ ދައުލަތުގެ ހިންގުމުގެ ނިޒާމްގެ ތެރެއިން، ހަރުދަނާ ނިޒާމެއް ޤާއިމްކުރައްވާ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި، ސަލާމަތާއި، ދައުލަތުގެ އިޤްތިޞާދު ރައްކާތެރި ކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނޭ ކަމަށް ހެލްތް މިނިސްޓްރ ވިދާޅުވިއެވެ.