ފަސޭހަކަމާއެކު ޕާކިސްތާން ބަލިކޮށް އޭޝިއާ ކަޕުގެ ސެމީ ފައިނަލަށް އިންޑިއާ ދަތުރުކޮށްފިއެވެ.
ދުބާއީގައި ކުޅުނު މެޗުގެ ޓޮސް ކާމިޔާބުކޮށް ޕާކިސްތާނުން ގަސްތުކުރީ ކުޅުމަށެވެ. އެކަމަކު ބެޓިން ދަށްވެ، އަވަސް އަވަހަށް ކުޅުންތެރިން ނުބައިވަމުން ގޮސް 20 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ޕާކިސްތާނަށް ހެދުނީ 127 ލަނޑެވެ.
ޖަވާބުގައި ކުޅެން ނުކުމެ އިންޑިޔާއިން މެޗު ކާމިޔާބު ކުރީ 16 އޯވަރުގެ ތެރޭގައި އެންމެ ތިން ކުޅުންތެރިން ނުބައިވެގެން 131 ލަނޑު ހަދައިގެންނެވެ. އިންޑިޔާގެ ތިން ކުޅުންތެރިން ވެސް ނުބައި ކުރީ ޕާކިސްތާނަށް ތިން ވިކެޓް ވެސް ނަގައިދިން ސައިމް އަޔޫބެވެ.
އެކަމަކު ޕާކިސްތާނުން އޯޕަނިން ބެޓްސްމަނެއްގެ ގޮތުގައި މި މެޗުގައި ބެޓް ކުރަން ނުކުމެ އަޔޫބަށް އެންމެ ލަނޑެއް ވެސް ނުހެދުނެވެ. ފުރަތަމަ ބޯޅައިން އޭނާ ނުބައިވިއިރު ބެޓިން އާއި ބޯލިން އަށް ކޮންސަންޓްރޭޓް ކުރަން ޖެހުމުން އޭނާ އަށް އެންމެ މޮޅު ކުޅުން ނުދެއްކޭ ކަމަށް މެޗުގެ ކުރިން ވެސް ވާހަކަ ދެކެވުނެވެ. ނޫސްވެރިން މިކަމާ ސުވާލު ކުރުމުން އޭނާ ބުނީ ދެ ކަންތައް ވެސް ރަނގަޅަށް ކުރެވޭތޯ ބަލާނެ ކަމަށެވެ.
މި މެޗުން ބަލިވުމުން ޕާކިސްތާނަށް ސެމީ ފައިނަލަށް ދެވޭނީ ގްރޫޕުގެ ފަހު މެޗުގައި ޔޫއޭއީ ބަލިކޮށްގެންނެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން މޮޅުވީ އޮމާން އަތުންނެވެ. އިންޑިޔާ ފަހު މެޗުގައި ބައްދަލުކުރާނީ އޮމާނާ އެވެ. ފުރަތަމަ މެޗުގައި އެ ގައުމުން ވަނީ ޔޫއޭއީ ބަލިކޮށްފަ އެވެ.