ކުޅިވަރު

ދެން ވެސް ދާން އޮތީ ރެއާލް މެޑްރިޑް: އަންޗެލޯޓީ


ބްރެޒިލްގެ ގައުމީ ޓީމާއެކު އަންނަ އަހަރުގެ ވޯލްޑް ކަޕް ފުރިހަމަ ކުރުމަށްފަހު ކުލަބަކާ ހަވާލުވާނަމަ ދާން އޮތް ހަމައެކަނި ކުލަބަކީ ރެއާލް މެޑްރިޑް ކަމަށް ކާލޯ އަންޗެލޯޓީ ބުނެފި އެވެ.

ތަޖުރިބާކާރު ކޯޗު ވަނީ ސްޕޭނާއި ޔޫރަޕުގެ އެންމެ ކާމިޔާބު ކުލަބު ރެއާލް މެޑްރިޑަށް ދެ ފަހަރު ކޯޗުކޮށްދީފަ އެވެ. އޭނާ ހުސްވި ސީޒަނަށް ފަހު ރެއާލް ދޫކޮށްލީ ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުމުން އެ ކުލަބުން އައު ކޯޗަކު ހޯދަން ބޭނުންވުމުންނެވެ.

ނަމަވެސް އައު ކޯޗު ޒަބީ އަލޮންސޯ އަށް ވަނީ އަދި ޓީމާއެކު ކާމިޔާބު ހޯދަން ދަތިވަމުންނެވެ.
އަންޗެލޯޓީއާ ނޫސްވެރިން ސުވާލު ކުރުމުން އޭނާ ބުނީ ބްރެޒިލްގެ ގައުމީ ޓީމާއެކު ކުރިއަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

"އަހަރެން ބްރެޒިލްގައި މިހުރީ ވަރަށް ހިތްހަމަ ޖެހިގެން. އަހަރެންގެ އާއިލާ ވެސް މި ތަނުގައި ތިބީ އެހާމެ ހިތްހަމަ ޖެހިގެން. އެހެންވީމާ ވޯލްޑް ކަޕަށް ފަހު 2030 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް އާ ކުރުމަކީ ވެސް މައްސަލަ އެއް ނޫން. ވޯލްޑް ކަޕަށް ފަހު ހުރިހާ ދިމާ އަކަށް ވެސް ފުރުސަތު އޮންނާނީ ހުޅުވިފައި،" އަންޗެލޯޓީ ބުންޏެވެ.

އޭނާ އަކީ ކުލަބު ފުޓްބޯޅައިގައި ދުނިޔޭގެ އެންމެ ކާމިޔާބު ކޯޗެވެ. ރެއާލް މެޑްރިޑަށް ތިން ފަހަރު އަދި އިޓަލީގެ އޭސީ މިލާނަށް ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. މީގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކާއި އިނގިރޭސިވިލާތުގެ ޗެލްސީ އާއި ފްރާންސްގެ ފެރިސް ސެންޓް ޖަމައިން (ޕީއެސްޖީ)ގައި ވެސް ކާމިޔާބު ހޯދި އެވެ. ނަމަވެސް ކޯޗު ބުނީ ރެއާލް މެޑްރިޑް ފިޔަވައި އޭނާ ދެން ހަވާލުވާނެ ކުލަބެއް ނެތް ކަމަށެވެ.

"އަހަރެންނަށް ހުސްވި ސީޒަނުގައި ދިމާވީ ވަރަށް ދެރަ ގޮތެއް. ވަރަށް ގިނަ ޑިފެންޑަރުންނަށް އަނިޔާވުމުން އަހަރުމެންނަށް ސީޒަން އެހާ ނާކާމިޔާބުކޮށްދިޔައީ. އަހަރެން މަސައްކަތް ކުރީ ސީޒަން ކާމިޔާބުވޭތޯ. އެކަމަކު އެ ފުރުސަތެއް ނުލިބުނު. ރެއާލް މެޑްރިޑަށް ދިއުމަކީ އަދިވެސް އަހަރެންނަށް މައްސަލައަކަށް ނުވާނެ،" ކޯޗު ބުންޏެވެ.

ބްރެޒިލް އަކީ އަންޗެލޯޓީ ކޯޗުކޮށްދޭ ފުރަތަމަ ގައުމީ ޓީމެވެ. އޭނާގެ އަމާޒަކީ އަދި ބްރެޒިލުން އޭނާ އަށް ދީފައިވާ ޓާސްކަކީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.