ކުޅިވަރު

ޕެނަލްޓީއަކުން ލިވަޕޫލް މޮޅުވުމުން އަހަރުމެން އުފާކުރަން: ބާންލީގެ ކޯޗު


އިނގިރޭސި ޕްރިމިއަރ ލީގުގައި ބާންލީ އަތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްއަށް މޮޅުވެވުނީ ފަހު ވަގުތު ޖެހި ޕެނަލްޓީއަކުން ކަމަށްވުމުން އެކަމާ އުފާކުރާ ކަމަށް ބާންލީން ބުނެފިއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ސްކޮޓް ޕާކާ ބުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތަށް ލިވަޕޫލްގެ އިންތިޒާރު ގެންދެވުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.

"މި މެޗުގައި އަހަރެން ގަދަ އަޅާފައި މި ބުނަނީ އަހަރެންގެ ކުޅުންތެރިންގެ މަސައްކަތާމެދު އަހަރެން މިހުރީ ވަރަށް އުފަލުން. ހުރިހާ ވެސް އެއްޗަކީ ކުޅުންތެރިންގެ މަސައްކަތް. އެ މީހުން ވަރަށް މަސައްކަތް ކުރީމާ ލިވަޕޫލަށް ޕެނަލްޓީ އަކުން މޮޅުވާން ޖެހޭނީ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނިޓްގައި ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިވަޕޫލަށް ލިބުނު ޕެނަލްޓީއާ މެދު ތަފާތު ނަޒަރަކުން ވިސްނިދާނެ ކަމަށެވެ.

"އެކަމަކު އެ ބޯޅަ އައި ސްޕީޑާއި އެ ބޯޅަ ޖެހި ތަނާއި ކުޅުންތެރިން ތިބި ގާތްކަމާ މިހުރިހާ ކަމަކަށް ބަލާއިރު އެ ވަގުތު ކުޅުންތެރިން ދެ އަތް ފުރަގަހަށް ލައި އަތް ފޮރުވައިގެން ތިބެންވާނެއޭ ކޯޗަކަށް ބުނެވިދާނެ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އެ ވަގުތުގައި އެއީ ފަސޭހަ ކަމެއް ވެސް ނޫން. އެހެންވީމާ އަހަރެންގެ ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު ހައްގު،" ކޯޗު ބުންޏެވެ.

މި މެޗުން ބަލިވުމުން ބާންލީ އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓާއެކު ތާވަލުގެ 17 ވަނާގަ އެވެ. ލިވަޕޫލް އެއްވަނާގައި ވަނީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކުގައެވެ.