އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބާންލީ އަތުން މޮޅުވާން އުނދަގޫވީ އެ ޓީމުން މާ ބޮޑަށް ދިފާއީ ކުޅުމެއް ކުޅުމުން ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.
މި މެޗުން ލިވަޕޫލް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން 1-0 ގެ ނަތީޖާއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފޯވަޑް މުހައްމަދު ސަލާހެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ސްލޮޓް ބުނީ ލިވަޕޫލަށް މާގިނަ ފުރުސަތުތަކެއް ނުހޯދުނީ ބޯޅަ ފަހަތުގައި ބާންލީ ކުޅުންތެރިން ތިބުމުން ކަމަށެވެ.
"އެމީހުން އަބަދުހެން ތިބީ ބޯޅަ ފަހަތުގައި. މީގެ ސަބަބުން އަހަރުމެންނަށް ކުޅެން ވަރަށް އުނދަގޫވި. މި މެޗަކީ އަހަރުމެންނަށް މާގިނަ ފުރުސަތުތަކެއް ލިބުނު މެޗެއް ނޫން. ސަބަބަކީ އެ މީހުން މާބޮޑަށް ފަހަތަށް ފައިބައިގެން ކުޅުން،" ސްލޮޓް ބުންޏެވެ.
އޭނާ ބުނީ މެޗުގެ އިތުރު ވަގުތުގައި ފަސް މިނިޓް ލިބުމުން ޕެނަލްޓީ އެއް ލިބިގެން ލިވަޕޫލް މޮޅުވެދާނެ ކަމަށް އެއްގޮތަކަށްވެސް ހީނުކުރާ ކަމަށެވެ.
"ސަބަބަކީ މެޗު ހިނގަމުންދިޔަ ގޮތުން. އަހަރެން ގަޑި ބެލިއިރު ފަސް މިނިޓް ބާކީ އޮތީ. އެވަގުތުގައި ޕެނަލްޓީ އެއް ލިބުނީމާ ގަބޫލެއް ވެސް ނުކުރެވުނު. ސަބަބަކީ އެ މީހުން މާބޮޑަށް ފަހަތުގައި ތިބެ ކުޅެމުން ދިއުން،" ސްލޮޓް ބުންޏެވެ.
މި މެޗުން ބަލިވުމުން ބާންލޫ އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓާއެކު ތާވަލުގެ 17 ވަނާގަ އެވެ. ލިވަޕޫލް އެއްވަނާގައި ވަނީ ކުޅުނު ހަތަރު މެޗުން ކާމިޔާބުކޮށް 12 ޕޮއިންޓާއެކުގައެވެ.