17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ވެލެންސިއާގެ ޒުވާން ފޯވާޑް އައިދު މުޙައްމަދު ޖަވީޒަށް ދީފިއެވެ.
އޭނާ އަކީ އެންމެ ފަހުން ބޭއްވި އެފްއޭއެމް ޔޫތު ލީގުގައި 16 އަހަރުން ދަށުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އިސްމާއީލް އާސިފް (ކުޑަހީނާ)ގެ ބެލުމުގެ ދަށުން މިހާތަނަށް ވެލެންސިއާގައި މޮޅަށް ކުޅެމުންދިޔަ ކުޅުންތެރިއާ އަކީ މި ފަހަރުގެ ޓީމުގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.
އޭނާ ވަނީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ ސެޝަނުގައި މިއަދު 17 އަހަރުން ދަށުގެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދާއެކު ޓްރޮފީ ދައްކާލުމުގެ ހާއްސަ ރަސްމިއްޔާތާއި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެފަ އެވެ.
މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާން އަދި ބޫޓާނާއެކު ގްރޫޕް ބީގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މާދަމާ ބައްދަލުކުރާނީ އިންޑިޔާއާ އެވެ. މިއަށްފަހު މި މަހުގެ 19 ވަނަ ދުވަހު ޕާކިސްތާނާ ވާދަކުރުމަށްފަހު ރާއްޖެ ގްރޫޕްގެ ފަހު މެޗުގައި ނުކުންނާނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މުބާރާތް ކުރިއަށްދާނީ މި މަހުގެ 15އިން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.