ޚަބަރު

އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް


މިއަހަރު ރާއްޖެއިން ޙައްޖަށް ވައިޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙަންމަދު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲޔާމިން އަބްދުލް ޤައްޔޫމް ހަމަޖައްސަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންވެސް ވަޑައިގަންނަވާ ގޮތަށްހަމަޖެހިފައިވާކަމަށެވެ.

ޙައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިއަހަރު 2000 ކޯޓާ ސަޢޫދީ ސަރުކާރުން ހަމަަޖައްސަވާދެއްވާފައިވެއެވެ. މީގެތެރެއިން އެއްހާސް މީހުން ޙައްޖަށް ދާނީ ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައެވެ. ބާކީ 1000 ކޯޓާ ދެއްވާފައިވަނީ އަމިއްލަ 5 ޖަމާޢަތަކަށެވެ. 

މީގެތެރެއިން ޒަޢީމާ ޙައްޖު ގުރޫޕްގެ ޙަވާލުގައި މުޅިއެކު 200 މީހުން މިއަހަރު ޙައްޖަށް ދިއުމަށް ހަމަޖެހިފައިވެއެވެ. ސިސިލްފަރު ގްރޫޕްގެ ޙަވާލުގައި 193 މީހަކު ޙައްޖަށް ދިޔުމަށް ހަމަޖެހިފައިވެއެވެ. އެކްރޯ ގްރޫޕާއި އަލް ޙަރްމައިންއާއި މިނާ ގްރޫޕުންވެސް ކޮންމެ ގުރޫޕަކުން 200 މީހުން ހައްޖަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. 

މިއަހަރު ޙައްޖަށް ދިއުމަށް ހަމަޖެހިފައިވާ ޙައްޖާޖީން އެއަރޕޯޓަށް ދިއުމުގެ ހުރިހާ ޚިދުމަތެއް ސަރުކާރުގެ ޚަރަދުގައި ވަނީ ހަމަޖައްސަވާދެއްވާފައެވެ. އަދި ރާއްޖެއިން ހައްޖަށްދާ ކޮންމެ ޙައްޖާޖީއަކަށް، ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ޑޮލަރު ގަންނަން ލިބޭނެ އިންތިޒާމްވެސް ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވާފައެވެ. މީގެ އިތުރުން މިއަހަރު ޙައްޖަށްދާ މީހުންނަށް ޙައްޖާބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންތައް މިހާރު ވަނީ ބާއްވަން ފަށާފައެވެ.