ވިޔަފާރި

އައި.ޓީ ދާއިރާއިން 5 ޒުވާނުން އިންވެސްޓްމަންޓް ފޯރަމަށް !


މިއަންނަ އަހަރު އޮންނަ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގެ އައިޓީ ދާއިރާގެ ފަސް ޒުވާނަކު ބައިވެރިކުރައްވަން ނިންމާފައިވާކަން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ ގެޓްސެޓް ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރައްވައި، އެ ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބޭރުގައި ބާއްވާ ފެއަރތަކުގައި ވަރަށް ގިނައިން ގެސް ޓްހައުސްއާއި، ދަތުރުފަތުރާއި ޓްރެވަލް އިންޑަސްޓްރީގައި ހުރި ވިޔަފާރިތަކުގައި އުޅޭ ފަރާތްތަކުން ބައިވެރިވާކަމަށާއި އައިޓީ ދާއިރާގެ ޒުވާނުން ރާއްޖޭގައި ގިނަކަމާއެކު އެ ޒުވާނުންނާމެދު ވިސްނާލަން ޖެހޭކަމަށެވެ.

img:http://s3.psmnews.mv/images/660x400/14711714302412.jpg|އިކޮނޮމިކް މިނިސްޓަރ ގެޓްސެޓް ޕްރޮގްރާމްގެ ބައިވެރިންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިހާރުވެސް ރާއްޖޭގެ އެކި ދާއިރާތަކަށް ޚާއްޞަ އައިޓީ އެޕްލިކޭޝަންތައް ދިވެހި ޒުވާނުން ހަދާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ބޭނުމަކީ ރާއްޖޭގެ ޒުވާނުންގެ މިފަދަ ބިނާކުރުވަނިވި އުފެއްދުންތައް، ބޭރުގެ މާރކެޓްތަކަށް ވިއްކިދާނެތޯ ބެއްލެވުންކަމަށެވެ. މިކަން ކުރުމަށްޓަކައި ކޮންމެވެސް ކަހަލަ މުބާރާތެއް ގޮތަށް ޒުވާނުންނަށް ހުޅުއްވާލައްވާނެ ކަމަށާއި މިގޮތުން ހޮވޭ ފަސް ޒުވާނުން އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިސާލަކަށް އެއީ ފްލައިޓް ޓިކެޓެއްވިޔަސް، ނުވަތަ އެތާނގައި ބަހައްޓާ ރެންޓަލް ސްޕޭސްވިޔަސް. މިކަން ކުރުމަށްޓަކާ ކޮންމެވެސް ކަހަލަ މުބާރާތެއް ކަހަލަ ގޮތަކަށް ހުޅުވާލާނަން ޒުވާނުންނަށް.ރާއްޖޭގެ ޕްރޮޑަކްސްތަތަކީ ހަމައެކަނި ލިޔެލާޖެހުމަށް ނުހަދާ އައިޓީވެސް ކުރިއަރުވަން އެބަޖެހޭ." އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވިއެވެ.

އިންވެސްޓްމަންޓް ފޯރަމަށް ދާއިރު އެފަދަ ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.