ޚަބަރު

ހަނގުރާމަވެރި ޖަމާޢަތަކާ ދެކޮޅަށް ބަދަލުކުރި ޙަމަލާތަކެއްގައި ޕާކިސްތާނުގެ 19 ސިފައިން މަރުވެއްޖެ


ޕާކިސްތާނުގެ އަސްކަރިއްޔާއާއި އެ ޤައުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރި ޙަމަލާތަކެއްގައި އެ ޤައުމުގެ 19 ސިފައިން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ހަތިޔާރުއެޅި ޖަމާޢަތަކާއެކު ހިނގި މި ކުރިމަތިލުންތައް ހިނގާފައި މި ވަނީ އެ ޤައުމާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ހިންގުމާ ޠާލިބާނުން ޙަވާލުވި ފަހުން އެ ސަރަޙައްދުގައި ހިނގާ މި ފަދަ ހަމަނުޖެހުންތައް އިތުރުވެފައި ވަނިކޮށެވެ. 2021ވަނަ އަހަރު އަފްޣާނިސްތާނުގައި ޠާލިބާނުންގެ ބާރު ހިނގަން ފެށި ފަހުން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޕާކިސްތާނީ ޠާލިބާނުން ދޭ ޙަމަލާތައް ވަނީ އިތުރުވެފައެވެ.

ފުރަތަމަ ޙަމަލާ ދީފައި ވަނީ ޕާކިސްތާނާއި އަފްޣާނިސްތާނާ ޙިއްޞާކުރާ ސަރަޙާއްދީ ރޮނގު ކައިރީގައި އޮން ދެކުނު ވަޒިރިސްތާނުގެ ބަދަރު ސަރަހައްދުގައެވެ. އެ ޙަމަލާ އަމާޒުކޮށްފައި ވަނީ ޕާކިސްތާނުގެ ސިފައިން ދަތުރުކުރަމުން ދިޔަ އުޅަނދަކަށެވެ. އެ ޙަމަލާގައި 12 ސިފައިންނާއި 13 ހަނގުރާމަވެރިން ވަނީ މަރުވެފައެވެ. އަދި ހަތަރު މީހުންނަށް ޒަޚަމްވެފައިވެއެވެ.

ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޕާކިސްތާނީ ޠާލިބާނުން ވަނީ ޙަމަލާގެ ޒިންމާ ނަގައި، ސިފައިންގެ ހަތިޔާރާއި ޑްރޯން ވެސް އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ލޮވަރ ދީރު ސަރަޙައްދުަގައި ބަދަލުކުރި ޙަމަލާއެއްގައި ވެސް ހަތް ސިފައިންނާއި 10 ހަނގުރާމަވެރިން މަރުވެފައިވެއެވެ، އެ ޙަމަލާތައް ފެށުނީ ސިފައިންނަށް ހަނގުރާމަވެރިން ފިލައި ތިބޭ ތަނެއް ފެނުމުންނެވެ.

ޕާކިސްތާނުން ޤަބޫލުކުރާ ގޮތުގައި އިންޑިޔާއާއި ޠާލިބާނުންގެ އެހީތެރިކަމާއެކު ޕާކިސްތާނީ ޠާލިބާން ޤާއިމްވެ ތިބީ އަފްޣާނިސްތާނުގައެވެ. ނަމަވެސް ދެ ސަރުކާރުން ވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އަފްޣާނިސްތާނުގެ ސަރުކާރުން އެ ސަރުކާރުގެ މަސްޢޫލިއްޔަތުތައް ޢަދާކޮށް ޕާކިސްތާނާ ދެކޮޅަށް ދޭ ނިރުބަވެރި ޙަމަލާތައް ރާވައި ހިންގުމަށް އެ ޤައުމުގެ ފަސްގަނޑު ބޭނުންކުރުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ.