ޚަބަރު

ހެމްބަރގް އަތުން ބަޔާން އަށް ފަސޭހަ މޮޅެއް


ބުންޑެސްލީގާގައި ރޭ ހެމްބަރގް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު ފަސޭހަ ކަމާއެކު 5-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ހަތްދިހަ ފަސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި ނަބްރީ ވަނީ ލަނޑެއް ޖަހާ ބަޔާން މިއުނިކަށް ކުރި ހޯދަދީފަ އެވެ.

ބަޔާން މިއުނިކް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖުމްލަ 22 ހަމަލައެއް އުފައްދާފައިވާއިރު އޭގެ ތެރެއިން 12 ހަމަލާ ވަނީ ހެމްބަރގްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.

ބަޔާން މިއުނިކްގެ އެލެކްޒެންޑަރ ޕެވްލޮވިޗް ވަނީ މެޗުގެ 9 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ބަޔާން މިއުނިކް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 26 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އެއީ ހެމްބަރގްގެ އަބޫބަކާ ސޯމަހޯރޯގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހު ރެފްރީ ދީފައިވާ ޕެނަލްޓީ އެކެވެ.

އަދި އޭގެ ތިން މިނިޓު ފަހުން ލުއިޒް ޑިއާޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 17 ވަނަ މިނިޓުގައި ހެރީ ކޭން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ ބުންޑެސްލީގާގައި ކޭން ކުޅުނު 65 މެޗުގައި އޭނާ ޖެހި 67 ވަނަ ލަނޑެވެ. އަދި މި ސީޒަނުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ.