އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް ބަލިވެއްޖެއެވެ.
ފޮރެސްޓްގެ ކޯޗު ކަމާއި ދާދި ފަހުން ވަނީ އެންޖޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު މީގެ ކުރިން މިކޭލް އާޓެޓާ އާއި ދެކޮޅަށް ޕޮސްޓެކޮގްލޫ ނިކުތް ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އޭނާގެ ޓީމު ވަނީ ބަލިވެފަ އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 32 ވަނަ މިނިޓުގައި މާޓިން ޒުބިމެންޑީ ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ފޮރެސްޓަށް ލިބުނު ނަމަވެސް އޭރިޔާ ތެރެއިން މޯގަން ގިބްސް ވައިޓްއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑި ކައިރިން ބޭރުވެފަ އެވެ.
އާސެނަލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ވިކްޓަރ ގިޔޮކޭރޭސް ކާމިޔާބުކޮށްދިން ލަނޑެވެ. މި ލަނޑު ޖަހަން އޭނާއަށް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ އާސެނަލް އާއި ދާދި ފަހުން ގުޅުނު އެބެރެޗީ އެޒޭ އެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 79 ވަނަ މިނިޓުގައި ލިއަންދްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުން ޒުބިމެންޑީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު އާސެނަލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 4 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ.