ކުޅިވަރު

ލިވަޕޫލަކީ އެންމެ ވަރުގަދަ ޓީމު، ގެނައީ ވެސް މޮޅު ކުޅުންތެރިން: އާޓެޓާ


ލިވަޕޫލަކީ ޕްރެމިއާ ލީގުގައި އޮތް އެންމެ މޮޅު ޓީމު ކަމަށް ވާދަވެރި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަނުގައި މި ދެ ޓީމު ބައްދަލުކުރާ ދެ ވަނަ މެޗުގެ ކުރިންނެވެ. އެންމެ ފުރަތަމަ މެޗުގައި ލިވަޕޫލް އަތުން އާސެނަލްވީ ބައްޔެވެ. އެކަމަކު އޭގެ ފަހުން ދެ ޓީމުގެ ހާލަތު ބަދަލުވެ އާސެނަލް ދަނީ ލީގު ތާވަލުގެ ކުރީގައި ފައިތިލަ ސާބިތު ކުރަމުންނެވެ. ލިވަޕޫލް ވަނީ ހަތަރަކަށް ސޮއްސާލައިފަ އެވެ.

މިއާއެކު ލިވަޕޫލަށް މި ސީޒަނުގެ ޕްރެމިއާ ލީގުގެ ދިފާއު ނުކުރެވޭނެ ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ. އާސެނަލް އަކީ ތައްޓަށް ހުސްވި ތިން ސީޒަނުގައި ވެސް އެންމެ ބޮޑަށް ވާދަކޮށް، ދެ ވަނަ ހޯދި ޓީމެވެ. އާސެނަލްގެ މި ސީޒަނުގެ އަމާޒަކީ ޕްރެމިއާ ލީގު ކާމިޔާބު ކުރުމެވެ. ނަމަވެސް ޓްރާންސްފާ މާކެޓު ނިމިގެންދިޔައިރު އެންމެ ބޮޑު ހޭދައެއްކޮށް ޓީމު އެންމެ ބޮޑަށް ވަރުގަދަ ކުރި ޓީމަކީ ލިވަޕޫލެވެ. އެ ޓީމުން ވަނީ 450 މިލިއަން ޕައުންޑަށްވުރެ ބޮޑު ހޭދައެއް ކޮށްފަ އެވެ. އާސެނަލް އަކީ ޓްރާންސްފާ މާކެޓުގައި ދެ ވަނަ އަށް އެންމެ ބޮޑު ހޭދަކުރި ޓީމެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ އަދިވެސް ލިވަޕޫލަކީ ޕްރެމިއާ ލީގުގެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ.

"އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން. ކުޅުންތެރިންނަށް ބަލާއިރު އެ މީހުން ގެނައީ ވެސް މޮޅު ކުޅުންތެރިން. މުޅި ސްކޮޑަށް ބަލާއިރު ވެސް އެމީހުންގެ ޓީމު ވަރުގަދަ. އެހެންވީމާ އެ މީހުންނާ އެހެން ޓީމުތަކާ އަޅާ ކިޔާނެ ކަމެއްނެތް،" އާޓެޓާ ބުންޏެވެ.

އޭނާ ބުނީ މި ސީޒަނުގައި އާސެނަލް އަށް ގެނައި ކުޅުންތެރިންނަށް ބަލާއިރު ކުރިއަށްވުރެ ޓީމު ވަރުގަދަ ކަމަށެވެ. ނަމަވެސް ނަތީޖާ އަކީ އެކި ފަހަރު އެކި ގޮތަށް ނުކުންނަ އެއްޗެއް ކަމަށެވެ.

"އަހަރުމެންނަށް ވެސް އޮތް ކަމަކީ ޓީމުގެ ނަތީޖާތައް ރަނގަޅު ކުރަން މަސައްކަތް ކުރުން. އަހަރުމެން ޓީމު ކުރިއަށްވުރެ މި ސީޒަނުގައި ފުރިހަމަ. އެހެންވީމާ އަހަރުމެން ނަތީޖާ ނެރެން ޖެހޭނެ ކަމަށް ގަބޫލުކުރާ ސަޕޯޓަރުން ވެސް މިހާރު ގިނަވެއްޖެ. މިއީ ޕްރެޝަރެއް. އެކަމަކު މި ކަހަލަ ޕްރެޝަރުތަކާއެކު ޖެހޭނީ އެކަންކަން ގަބޫލުކޮށްގެން ކުރިއަށްދާން،" އާޓެޓާ ބުންޏެވެ.

އޭނާ މަގާމާ ހަވާލުވި ފަހުން އާސެނަލް ވަނީ މިހާތަނަށް ފަސް ސީޒަން ކުޅެފަ އެވެ. މިހެންވެ މި ސީޒަނުގައި ތައްޓެއް ނުލިބިއްޖެނަމަ އާޓެޓާގެ މަގާމަށް ބުރޫ އަރާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.