ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުނު މުނާސަބަތާއި ގުޅިގެން ހަނދާނީ ފޮތެއްނެރެ، އައު ވެބްސައިޓް އިފްތިތާޙް ކުރައްވައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން އިފްތިތާޙްކުރެވުނު ވެބްސައިޓަކީ ހުރިހާ ގޮތަކުންވެސް ފަސޭހަވާނެ ގޮތަށް ފަރުމާކުރެވިފައިވާ ވެބްސައިޓެކެވެ. މިވެބްސައިޓުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަލުވިކަމާއެކީ މަޢުލޫމާތާއި ލިޔެކިޔުންތައް ބައްލަވާލެއްވޭނެއެވެ.
ވެބްސައިޓް އިފްތިތާޙް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓުގެ އެންމެ ޚާއްޞަ ސިފައަކީ ޤާނޫނީ މަޢުލޫމާތު ފޯރުކޮށްދޭ އަރޓިފިޝަލް އިންޓެލިޖެންސް ފީޗަރއެއް ތަޢާރަފުވެގެން ދިއުމެވެ. އޭ.އައި. ފީޗަރއިން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކުގައިވާ މުހިއްމު ބައިތައް ވެބްސައިޓުން ހޯދޭނެެވެ. އަދި ވަކި ސުރުޚީއަކާ ގުޅޭގޮތުން ޤާނޫނުތަކުގައިވާ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މިއީ ސަރުކާރުގެ އިދާރާއެއްގެ ވެބްސައިޓެއްގައި އަރޓިފިޝަލް އިންޓެލިޖެންސްގެ އެހީތެރިކަމާއެކު ޤާނޫނީ މަޢުލޫމާތު ޗެޓުގެ ޒަރީޢާއިން ލިބޭނެގޮތް މަގުފަހިކުރެވުނު ފުރަތަމަ ފަހަރެވެ.
އޭ.އައި. ޗެޓަކީ އޭގެ ޅަފަތުގައި އަދިވެސް ކަންކަން ދަސްކުރަމުންދާ ފީޗަރ އަކަށްވާތީ، މުސްތަޤްބަލުގައި އިތުރު މަޢުލޫމާތާއެކު ޤާނޫނީ ސުވާލުތަކަށް ތަފްޞީލީ ފުރިހަމަ ޖަވާބުތައް ލިބިވަޑައިގަންނަވާނެކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ. މިރަސްމިއްޔާތުގައި ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމާއި ގުޅުވައިގެން ހަނދާނީ ފޮތެއްވެސް ވަނީ ނެރެފައެވެ. މިފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މިފޮތުގައި އެއިދާރާގެ ފާއިތުވެދިޔަ އަހަރުތަކުގައި މަސައްކަތްތަކާއި، ޚިދުމަތްކުރެއްވި ބޭބޭފުޅުންނާއި، އަދި ކޮށްދެއްވަފައިވާ ޚިދުމަތްތައް ވަރަށް ތަފްސީލީ ގޮތެއްގައިވަނީ ހިމަނާފައެވެ. މިރަސްމިއްޔާތުގައި ބަންޑާރަނައިބްކަން ކުރައްވާފައިވާ ބައެއް ބޭފުޅުންނާއި، އެއޮފީހަށްއެކި ދުވަސްވަރު ޚިދުމަތް ކުރެއްވި ބޭފުޅުން ބައިވެރިވެފައިވެއެވެ.