ޚަބަރު

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޒުވާން ޓީމު ލަންކާއަށް


މި މަހުގެ 15 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ސްރީ ލަންކާއަށް ހިނގައްޖެއެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅޭ މި ފަހަރުގެ 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއާ އެކު ގްރޫޕް ބީގައި ހިމެނެނީ އިންޑިއާ އާއި، ބޫޓާން އަދި ޕާކިސްތާނެއެވެ. އަދި މި މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝް އާއި، ނޭޕާލް އަދި މުބާރާތް ބާއްވާލަންކާ ހިމެނިފަވަނީ ގުރޫޕް އޭގައެވެ.

މި މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ލަންކާއަށް ފުރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މުބާރާތަކީ ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ސޮބާހު މުޙައްމަދު ހަވާލުވި ފަހުން، އެ ޓީމުން ކުޅޭ ފުރަތަމަ މުބާރާތެވެ.

ސާފް ޗެމްޕިއަންޝިޕަށްފަހު 17 އަހަރުން ދަށުގެ ޓީމު ތައްޔާރުވާނީ އަންނަ އަހަރު ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިން މެޗުތަކަށެވެ. ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫފް އެފްގައެވެ. ސައުދީ އަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 30 އަށް ތައިލެންޑުގެ ޗޮންބުރީއެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ތުރުކުމެނިސްތާނާއި، މޮންގޯލިއާ އާއި، ކުވެއިތު އަދި ތައިލެންޑެވެ.